ބަންގްލަދޭޝް

ރާއްޖެ-ބަންގްލަދޭޝް ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު މިއެއްބަސްވުންތަކުގެ ތެރެއިން ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދެ ގައުމުގެ ދެމެދު ހަރުދަނާ އުސޫލެއްގެ މަތީން މަޝްވަރާތައް ކުރުމަށްޓަކައި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ މޯލްޑިވްސް-ބަންގްލަދޭޝް ޖޮއިންޓް ކޮމިޝަން އޮން ކޮމްޕްރިހެންސިވް ކޯޕަރޭޝަން" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ޑރ. އޭކޭ އަބްދުލް މޮމެން އެވެ.

ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު އެކިއެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ބައިލެޓްރަލް ކޮންސަލްޓޭޝަންސް" ގައި ސޮއިކުރެއްވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދާއި، ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެން އެވެ.

ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި އެކަމާގުޅޭ މަޝްވަރާތަކަށް މަގުފަހިކުރުމަށްޓަކައި ދެ ސަރުކާރު ދެމެދު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ ފީލްޑް އޮފް ފިޝަރީޒް އެންޑް ޕެލަޖިކް ފިޝިން" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާީލާއި، ބަންގްލަދޭޝްގެ މިނިސްޓަރު އޮފް ފިޝަރީޒް އެންޑް ލައިވްސްޓޮކް އެސްއެމް ރިޒާއުލް ކަރިމް އެވެ.

ދިވެހި ސަރުކާރާއި ބަންގްލަދޭޝްގެ ރައްޔިޔުންނާއި ގުޅުން ގާއިމުކުރުމަށްޓަކައި ދެ ގައުމުގެ އާދަކާދަ އާއި ސަގާފަތް ދަސްކުރުމަށާއި އެކަމަށް އަހުލުވެރިވުމަށްޓަކައި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމް (ސީއީޕީ) ފޯ 2022-2025 ގައި ސޮއިކުރެއްވީ މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރ އޮފް ކަލްޗަރަލް އެފެއާޒް ކޭއެމް ހާލިދެވެ.