ހަބަރު

ހަ ރަށެއްގެ ފެނުގެ ނިޒާމް ގާއިމް ކުރަން އޮފިޑްގެ އެހީ

ހަ ރަށެއްގެ ފެނުގެ ނިޒާމް ގާއިމް ކުރަން އޯޕެކް ފަންޑް ފޯ ޑިވެލޮޕްމަންޓް (އޮފިޑް) އިން ފައިސާގެ އެހީތެރިކަން ދޭން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އޮފިޑް އިން ފައިސާގެ އެހީތެރިކަންދެނީ ލ. ގަމާއި ހދ. ވައިކަރަދޫ އާއި ކުމުންދޫ އާއި ނެއްލައިދޫ، ނޮޅިވަރަމް އަދި މަކުނުދޫގެ ފެނުގެ ނިޒާމް ގާއިމްކުރަން ކަމަށެވެ. ނަމަވެސް އެހީގެ ގޮތުގައި ދެނީ ކިހާ ފައިސާއެއް ކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ.

މިނިސްޓްރީން ބުނީ އެ ރަށްރަށުގައި ގާއިމު ކުރާ ނިޒާމާއެކު ލޮނު ފެނުން މީރުފެން އުފައްދާ އާރްއޯ ޕްލާންޓާއި ފެން ރައްކާކުރާ ޓޭންކް ބެހެއްޓާނެ ކަމަށާއި އެ ޓޭންކްތަކުގެ އެހީގައި އިޖްތިމާއ އިސްކުރުބަރި ތަކުން ފެން ފޯރުކޮށްދޭނެ ކަމަށެވެ.

ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ހިންގައިދޭން ޝައުގުވެރިވާ ފަރާތްތައް ހޯދަން ހުޅުވާލައިފައެވެ.

މީގެ ކުރިން ވެސް އޮފިޑުން ވަނީ ރާޖޭގެ ބައެއް ރަށްތަކުގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް ފައިސާގެ އެހީ ދީފައެވެ. އެގޮތުން މިދިޔަ މަހުވެސް ރާއްޖޭގެ ހަތް ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރަން އެހީވި އެވެ.