ފިލައިގެން ދަނިކޮށް ކަނޑުމަތިން އަތުލައިގަތުމަށް ފަހު ރާއްޖެއާ ހަވާލުކުރި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނާ 85 މީހުންގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި 85 މީހަކު އެމެރިކާގެ ސިފައިން އަތުލައިގެންފައިވެ އެވެ. އެ މީހުންގެ ތެރޭގައި 59 ރެފިއުޖީއަކު ވެސް ހިމެނޭ ކަމަށާއި އެ މީހުންނަކީ މަދުރާއީ އާއި ޓްރިޗީގެ ރެފިއުޖީ ކޭމްޕްތަކަކުން ފިލައިގެން ދިޔަ ބައެއް ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.
ނޫޙުގައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފޯޅަވައްސާ ދިމާލުން އެ މީހުން އަތުލައިގަތީ ގަވައިދާ ހިލާފަށް ފެރީއަކުން ދަތުރު ކުރަމުން ދަނިކޮށެވެ. ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމީހުން މަސައްކަތް ކުރީ އިންޑިއާގެ ކެރެލާ އިން ދެކުނު އެފްރިކާއަށް ގޮސް ކެނެޑާގެ ހިމާޔަތް ހޯދާށެވެ.
ނަމަވެސް މޫސުން ގޯސްވެ އެމީހުން ދަތުރު ކުރަމުންދިޔަ ފެރީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދަށް ހުއްޓި އޮޔާ ދަނިކޮށް އެމެރިކާ ސިފައިން އެ މީހުން އަތުލައިގަތީ އެވެ. ފެރީގައި ތިބި ބައެެއް މީހުންގެ އަތުގައި ކާކުކަން ދެނެގަނެވޭ ފަދަ އެއްވެސް ލިޔުމެއް ނެތް ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން އަވަސް އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ރާއްޖެ ސަރަހައްދުން ރެފިއުޖީން ތަކެއް އަތުލައިގަނެ ރާއްޖެއާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.
"އެފަދަ މައުލޫމާތެއް ފޮރިން މިނިސްޓްރީއާ ހިއްސާކޮށްފައެއް ނުވޭ،" މިއުވާން ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އޮފިސަރަކު ވެސް ވިދާޅުވީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ފަދަ މައުލޫމާތެއް އެ އިދާރާ އަށް އެއްވެސް ފަރާތަކުން ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި ރެފިއުޖީން ތަކެއް ރާއްޖެ ސަރަހައްދުން ފެނިގެން ރާއްޖެ އަށް ގެނެސްފައި ނުވާ ކަމަށްވެސް އޮފިސަރު ޔަގީންކޮށްދެއްވި އެވެ.
އިންޑިއާގެ ނޫހުގައިވާ ރިޕޯޓްގެ ސައްހަކަމާ ދޭތެރޭ ވެސް އޮފިސަރު ވަނީ ސުވާލު އުފައްދަވާފަ އެވެ.