ހަބަރު

ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ގޮވާލައިފި

Feb 4, 2020

އިންޑިއާއަކީ މިހާރުވެސް އަދި ކުރިއަށްތަނުގައި ވެސް ރާއްޖޭގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި، ނަމަވެސް، އެ ގައުމުން ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަނެއްކާވެސް ގޮވާލައްވައިފި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެގްރިމަންޓެއްގެ ދަށުން، 2010 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް ގެނައި ދެ ހެލިކޮޕްޓަރުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އޭގެ އެންމެ ބޮޑު ކަންބޮޑުވުމެއް ގުޅިފައި ވަނީ، އެ ހެލިކޮޕްޓަރުތަކާއެކު ދިވެހި ފަސްގަނޑުގައި ތިބޭ އިންޑިއާގެ ސިފައިންގެ އަދަދެވެ.

އެކަމާއެކު، ދެކުނުގެ އައްޑު އަތޮޅާއި ލ. އަތޮޅުގައި އޮންނަ އިންޑިއާގެ ދެ ހެލިކަޕްޓަރު 2018 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަނބުރާ ގެންދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންގި އެވެ. އަދި އެއާއެކު އެ ހެލިކޮޕްޓަރުތައް އޮޕަރޭޓު ކުރާ އިންޑިޔާ ސިފައިން ވެސް ރާއްޖެއިން ފައިބައިގެން ދިއުމަށް ރައީސް ޔާމީންގެ ސަރުކާރުން އޭރު އެންގި އެވެ.

ނަމަވެސް، މަޝްވަރާ ކުރުމުގެ އެކި ބަހަނާތަކާއެކު އިންޑިއާއިން އެކަމަށް ދެކޮޅު ހަދާފައިވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ހަމައިން، ކުރިން އިންޑިއާ އާއެކު ހީނަރުވެފައިވާ ގުޅުން ވަރަށް ބޮޑުތަނުން ބަދަހިވެ، އެ ދެ ހެލިކޮޕްޓަރާގުޅޭ އެއްބަސްވުން އަލުން އާ ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން، އެ ހެލިކޮޕްޓަރުތަކާ ގުޅުވައިގެން ތަފާތު ގިނަ ތުހުމަތުތައް ރައީސް ސޯލިހުގެ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އޭގެ ފަހުން، ދިވެހި ދައުލަތުގެ ހަރަދުގައި ހެލިކޮޕްޓަރުތަކެއް ހޯދައި ހިންގުމުގެ މާލީ މުއްސަނދިކަމެއް ދައުލަތުގައި ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިދިޔަ މަހު ވިދާޅުވުމާ ގުޅިގެން އެ މައްސަލަ ވަނީ އަލުން ހޫނުވެފަ އެވެ.

ހެލިކޮޕްޓަރުތައް އުދުއްސަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންކަމަށް ތަކުރާރުކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓަކަށް ރައްދު ދެއްވައި، އެ މައްސަލާގައި ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރައްވައި، އުމަރު ވިދާޅުވި ގޮތުގައި އިންޑިއާއަކީ މިހާރުވެސް އަދި ކުރިއަށްތަނުގައިވެސް ރާއްޖޭގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި، ރާއްޖޭން އިންޑިއާގެ ބޯޑަރު ސަރަހައްދު ހިމާޔަތްކުރުމަށް އަބަދުވެސް އެހީތެރިވެދޭނެ ކަމަށެވެ.

"އެކަމަކު ދިވެހި ފަސްގަނޑުގައި ތިބި ސިފައިންނާއި، އަސްކަރީ އާލާތްތައް އިންޑިއާއިން އަނބުރާ ގެންދަންޖެހޭ،" އުމަރު ވިދާޅުވި އެވެ.

އަދި އެ ހެލިކޮޕްޓަރުތަކަކީ "ހަދިޔާ"އެއް ނޫން ކަމަށާއި، އެއީ ވަލު ދޮރޯށިން އިންޑިއާ ސިފައިން ރާއްޖެއަށް އެރުމަށް ބޭނުންކުރާ އުކުޅެއްކަމަށްވެސް އުމަރު ވަނީ ތަކުރާރުކުރައްވައިފަ އެވެ.