އިންޑިއާ

ދޫކޮށްލުމުން "އަންބަރީ" ރާއްޖެއަށް ދަތުރު ފަށައިފި

އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެ ގައުމުގެ ކޯސްޓްގާޑުން ހިފެހެއްޓި ދިވެހި މަސް ދޯނި ދޫކޮށްލުމުން ރާއްޖެ އައުމަށް ދަތުރު ފަށައިފި އެވެ.

މަލިކުގައި ހުންނަވައި ފޯން މެދުވެރިކޮށް އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި މަލިކު ކައުންސިލްގެ ރައީސް ހުސައިން މަނިކުފާނު ވިދާޅުވީ ށ. ކޮމަންޑޫ އަށް ނިސްބަތްވާ "އަންބަރީ" ދޯނި ރާއްޖެއަށް ދަތުރު ފަށާފައިވާއިރު ދޯނީގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށާއި މަލިކުން ދޯނި ފުރީ މިރޭ ކަމަށެވެ.

މަނިކުފާނު ވިދާޅުވީ އިންޑިއާގެ ކޯސްޓްގާޑުން ހިފެހެއްޓި ދިވެހި މަސްދޯނި އިތުުރު ޝަރުތެއް ނެތި ދޫކޮށްލުމަކީ ރާއްޖެއާއި މަލިކާއި އޮތް ގުޅުމުގެ ވަރުގަދަކަން ރަމްޒުކޮށްދިން ކަމެއް ކަމަށެވެ.

އަންބަރީ ދޯނި ހިފަހައްޓާފައިވަނީ މަލިކުގެ ތިން މޭލު ބޭރުން މަސްވެރިކަމުގައި އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެވެ. ދޯނި ހިފެހެއްޓުމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށް، ދޯނި ރާއްޖެ ފޮނުވައި ދޭން އެދިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒާ ގުޅައި އެ ދޯންޏާއި ދޯނީގެ ފަޅުވެރިން މިނިވަން ކުރަން މަސައްކަތް ކުރުމުން އިންޑިއާ އިން ދޯންޏާއި ފަޅުވެރިން ދޫކޮށްލަން ނިންމައި އަންގާފައިވާ ކަމަށެވެ.