އެމްއެންޑީއެފް

ޖުއެލް ހޯދަން ވައިގެ މަގުން 4512 ނޯޓިކަލް މޭލު ބަލައިފި

ގަދައިގައި މާލެއިން ފުރައި ހޮނިހިރު ދުވަހު ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ބަންޑުން ޖެހި ލޯންޗުން ގެއްލުނު ކުއްޖާ ހޯދަން ވައިގެ މަގުން 4512 ސްކެއާ ނޯޓިކަލް މޭލް ބަލާފައިވާ ކަަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ޖުއެލް ހޯދުމުގައި ސިފައިންގެ ވައިގެ ފްލީޓްގައި ހިމެނޭ ޑޯނިއާ މަތިންދާ ބޯޓު ބޭނުންކުރަން ފަށާފައިވަނީ މިއަދު އެވެ. އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކަމަށް ބުނާ ޑޯނިއާ މަތިންދާ ބޯޓުގެ އިތުރުން އިންޑިއާ އިން ދީފައިވާ ކަމަށް ބުނާ ދެ ހެލިކޮޕްޓަރު ވެސް ސިފައިންގެ ވައިގެ ފްލީޓްގައި އޮވެ އެވެ.

ކުޑަ ކުއްޖަކު ހޯދުމުގެ އޮޕަރޭޝަންގައި ވައިގެ ފްލީޓްގައި ހިމެނޭ އެއްވެސް އުޅަނދެއް ބޭނުން ނުކުރާކަން ނޫސްތަކުގައި އިއްޔެ ރިޕޯޓް ކުރުމާ ގުޅިގެން ސިފައިންނަށް ފާޑު ކިޔުންތަކެއް ވެސް އަމާޒުވި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރާ މިއަދު ސުވާލުކުރުމުން ވިދާޅުވީ ކުޑަ ކުއްޖާ ހޯދުމުގެ އޮޕަރޭޝަންގައި ޑޯނިއޯ މަތިންދާ ބޯޓު މިއަދުން ފެށިގެން ހަރަކާތްތެރިވާ ކަމަށެވެ.

އޮފިސަރު މިރޭ ވިދާޅުވީ ކަނޑުގެ މަގުން 131 ނޯޓިކަލް މޭލް ބަލާފައިވާ ކަމަށާ ވައިގެ މަގުން 4512 ސްކެއާ ނޯޓިކަލް މޭލް ބަލާފައިވާ ކަަމަށެވެ.

މާލޭން ފުލިދޫއަށް 12 މީހުނާއެކު ދަތުރު ކުރީ "ޑްރީމް ސްޕީޑް 2" އެކެވެ. އެ ލޯންޗު ބަންޑުން ޖެހީ އޮޅުވެލި ކައިރިން ނެގި ރާޅެއްގައި ޖެހިގެނެވެ. އެ ހާދިސާގައި ތިން މީހުން ކަނޑަށް ވެއްޓުނެވެ. އެއީ ލޯންޗުގެ އެންމެ ފަހަތުގައި ތިބި ނާހިދާ އާއި އޭނާގެ ދެ ކުދިންނެވެ. އޭގެެ ތެރެއިން އެއް ކުއްޖަކު ސަލާމަތްވި އެވެ. ކަނޑުން ނެގުނު ނަމަވެސް ނާހިދާ މަރުވީ އެވެ. ގެއްލުނީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅެވެ.