ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ތިންވަނަ ޑޯޒް 601 މީހުން ޖަހައިފި

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް -- ބޫސްޓާ ޑޯޒް -- 601 މީހުން ޖަހައިފި ކަމަށް ހެލްތު ފްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޑަބްލިއުއެޗްއޯއިން ވެސް ދީފައިވާ އިރުޝާދަކީ އެ ގައުމަކުން ދެ ޑޯޒް ފުރިހަމަ ކުރުމަށް އިސްކަން ދިނުމަށް ކަމަށެވެ. އެހެންކަމުގެ ގައުމުގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކުރުމުން ހުރިހާ މީހުންނަށް ބޫސްޓާ ޑޯޒް ދިނުމުގެ ފްލޭނެއް އެކުލަވާލާނެ ކަމަށް ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވީ މިވަގުތުގައި އެޗްޕީއޭގެ އަމާޒަކީ ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ ހުރިހާ މީހުން ދެޑޯޒް ފުރިހަމަ ކުރުވުން ކަމަށެވެ. އެކަން ހާސިލު ވުމުން ބޫސްޓާ ޑޯޒެއް މުޅި އާބާދީއަށް ޖެހުމަށް ވިސްނާނީ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭއިން ޖަހަން ފަށާފައި ވަނީ މި މަހުގެ ހަތަރަކުން ފެށިގެނެވެ. އެއީ 60 އަހަރުންމަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަނި އެވެ. މިހާތަނަށް އެ ވެކްސިން ޖަހާފައިވަނީ 601 މީހުނެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ތިން ވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ޖެހޭނެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ތިންވަނަ ޑޯޒް ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ. ވެކްޝިން ޖަހަންދާނީ އެޗްޕީއޭގެ ވެކްސިން އެޕޮއިންޓްމެންޓް ހައްދައިގެނެވެ.