އެމްއެންޑީއެފް

ޖުއެލް ހޯދަން 4706 ނޯޓިކަލް މޭލު ބަލައިފި، ހަބަރެއް ނެތް

ގަދައިގައި މާލެއިން ފުރައި ހޮނިހިރު ދުވަހު ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ބަންޑުން ޖެހި ލޯންޗުން ގެއްލުނު ކުއްޖާ ހޯދަން ވައިގެ މަގުން 4706 ސްކެއާ ނޯޓިކަލް މޭލް ބަލާފައިވާ ކަަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ކ. އޮޅުވެލި ރިސޯޓް ކައިރީ ކަނޑު މަތީގައި ހިނގި ހާދިސާގައި ގެއްލުނު ކުޑަ ކުއްޖާ ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ދެމުން ސިފައިން މިރޭ ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން އަދި ކުއްޖާ ފެނިފައިނުވާ ކަމަށާ އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 4706 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މާލޭން ފުލިދޫއަށް 12 މީހުނާއެކު ދަތުރު ކުރީ "ޑްރީމް ސްޕީޑް 2" އެކެވެ. އެ ލޯންޗު ބަންޑުން ޖެހީ އޮޅުވެލި ކައިރިން ނެގި ރާޅެއްގައި ޖެހިގެނެވެ. އެ ހާދިސާގައި ތިން މީހުން ކަނޑަށް ވެއްޓުނެވެ. އެއީ ލޯންޗުގެ އެންމެ ފަހަތުގައި ތިބި ހަތަރު އަހަރުގެ ކުޑަ ކުއްޖަކާއި އޭނާގެ މަންމަ އެވެ. އަދި އިތުރު ކުޑަ ކުއްޖެކެވެ. އޭގެެ ތެރެއިން އެއް ކުއްޖަކު ސަލާމަތްވި އެވެ. ކަނޑުން ނެގުނު ނަމަވެސް ހަތަރު އަހަރުގެ ޖުއެލްގެ މަންމަ ނާހިދާ ވަނީ މަރުވެފައެވެ.