ހަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އެޗްއާރްސީއެމް

ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަޢުލޫމާތާއި ތަފާސްހިސާބު އެކަށީގެންވާ ގޮތަށް ބަލަހައްޓާނެ ނިޒާމެއް ޤާއިމްވެފައި ނެތްކަމަށާއި އެކަމުގެ ސަބަބުން އެ ކުދިންނަށް އެކަށީގެންވާ ފުރުސަތެއް ނުދެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ނިޒާމެއް ނެތުމުގެ ސަބަބުން އެމީހުންނަށް ބޭނުންވާ ޚިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ ގޮތުން އެފަރާތްތަކުގެ ހާލަތު ދެނެގަތުމުގައި ގިނަގުނަ ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ. އެޗްއާރުސީއެމް އިން ބުނި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން އިމާރާތްތަކާއި އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނާއި ހިދުމަތް ދޭ ތަންތަން ވެސް ފަރުމާ ކުރަން ޖެހެ އެވެ. އެކަމަށް ޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަން އެ ކޮމިޝަނުން ގޮވާލި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު ކުރުން މުޖުތަމައުން ހުއްޓާލަން ޖެހޭ ކަން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.


"މީގެ އިތުރުން ވަޒީފާދިނުމާއި، މަސައްކަތުގެ މާޙައުލުގައި ތަފާތުނުކުރުމާއި ހަމަހަމަ ފުރުޞަތު ލިބިދިނުމަށްޓަކައި މި ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވޭނެ ގޮތްތައް ފަހިކޮށް ދޭން ޖެހޭ އިރު، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދޭނެ ގޮތްތައްވެސް މިޤާނޫނުގެ 20 ވަނަ މާއްދާގައި ތަފްސީލުކޮށް ދީފައި އެވެ. މިކަންކަން ތަންފީޒުކުރުމަށް ބާރުއަޅައި މަސައްކަތް ކުރުމަކީ މުޅި މުޖުތަމަޢުގެ އެންމެހާ އަފްރާދުންގެ ވާޖިބެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުމަކީ ހަމައެކަނި ދީލަތި އަދި އިޙްސާންތެރި ހެޔޮޢަމަލެއްގެ ގޮތުގައި ކުރާކަމެއް ކަމުގައި ބައެއް ފަރާތްތައް ދެކެއެވެ." އެޗްއާރްސީއެމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ބައިވެރި ކުރުން މުހިންމު - އެކި ފަންތީގެ ކުޅަދާނަކަން ލިބިފައިވާ ފަރާތްތައް ބައިވެރިކުރުމާއި ބާރުވެރިކުރުން" މި އެވެ.

މީގެއިތުރުން އެކޮމިޝަނުން ވަނީ އެފަދަ ފަރާތްތަކުގެ އިހުސާސްތަކަށް އިހުތިރާމުކޮށްގެން މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް ގޮވާލާފަ އެވެ.