ދައުލަތުގެ ބަޖެޓް

އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާގެ ހިލޭ އެހީ

Oct 31, 2021

ލޯކަލް ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.


ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓު ހިލޭ އެހީދޭ ގޮތަށް ހަމަޖެއްސީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްފަހު އެވެ.

ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު 2019 ވަނަ އަހަރު މަޖިލީހުން ވަނީ ފާސްކޮށްދީފަ އެވެ.

"މިއީ ކައުންސިލްތަކުގެ ފުދުންތެރިކަން އިތުރުކޮށްދިނުމަށް މަގުފަހިކޮށްދީ، މާލީ މިނިވަންކަން ކައުންސިލްތަކަށް ލިއްބައިދިން ތާރީހީ ބަދަލެއް،" ބަޖެޓު ފޮތުގައިވެ އެވެ.

އެ އިސްލާހުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުގެ ގޮތުގައި އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން ފަހެއް އިންސައްތަ އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ދޫކުރަންޖެހެ އެވެ.

ލާމަރުކަޒީ އިސްލާހުގެ ދަށުން ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ކަނޑައަޅައި އެންމެ ފުރަތަމަ ފައިސާ ދޫކުރަން ފެށީ މިދިޔަ އަހަރުގެ ބަޖެޓާ އެކު އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭތީ އަންނަ އަހަރު ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދޫކުރެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގުމަށް ނިންމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންދަނީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށްގެން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދެމުންނެވެ. އެގޮތުން ކައުންސިލްތަކުން ކުންފުނި ހަދައިގެން ވިޔަފާރިކުރުމާއި ކައުންސިލްތަކުން އަމިއްލަ އަށް އިންވެސްޓަރުން ހޯދައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ގޮތް މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ. އަދި ކައުންސިލްތަކުގެ ނަމުގައި ލޯން ނެގުމާއި އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނު ދޫކުރެވޭނެ ގޮތް ހެދުމަށްވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާފައިވެ އެވެ.