ޖިންސީ ގޯނާ

ޖިންސީގޯނާގެ ތުހުމަތު: ގަލޮޅު މަދަރުސާއިން މީހަކު ހައްޔަރުކޮށްފި

ގަލޮޅު މަދަރުސާގެ ކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި މީހަކު ހައްޔަރުުކުރީ މިރެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާލޭގެ ސްކޫލެއްގައި ކުޑަކުއްޖަަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 63 އަހަރުގެ އަންހެނަކު މިރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އެ މައްސަލައިގައި މީހަކު މިހާތަނަށްވެސް ހައްޔަރުކޮށްފައި ނުވާތީ ފާޑުކިޔުން އޮތީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ނަމަވެސް ގަލޮޅު މަދަރުސާގެ މަސައްކަތު މުވައްޒަފުންގެ ގޮތުގައި ހިމެނޭ ހުރިހާ މުވައްޒަފުން މިހާރު ތިބީ ސަސްޕެންޑްކޮށްފަ އެވެ.

އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލަމުންދާ އިރު އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުންގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.

ޖިންސީ ގޯނާ ލިބުނު ކުއްޖާގެ އާއިލާއިން ބުނާ ގޮތުގައި އޭނާއަށް ޖިންސީ ގޯނާއާ ކުރިމަތިވީ ސްކޫލުގައި ފާހާނާއަށް ގެންދިޔަ މަސައްކަތު މީހާގެ ފަރާތުން ނެވެ. ނަަމަވެސް އެކަން ކުރި މީހެއް ދެނެނުގަނެވިގެން ހައްޔަރުނުކުރެވި އޮތީއެވެ.