މާފުށި

ދީނާ ހިލާފު ކަންކަން ހިންގާތީ މާފުށީ ކައުންސިލުން އިންޒާރު ދީފި

އިސްލާމީ މުޖްތަމައުއެއްގައި ކުރުމަށް ބަލައި ނުގަނެވޭނެ ފަދަ ކަންކަން ހިންގާ ކަމުގެ ޝަކުވާ ލިބިގެން މާފުށީ ކައުންސިލުން އިންޒާރު ދީފި އެވެ.

އެ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަށުގެ އަތިރިމައްޗާއި ހުސްބިންތަކުގައި ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި ރަށުގައި ވޯޓާ ސްޕޯޓްސް އެފަދަ ހިދުމަތްތަކުން ފީ ނެގުމާއި ގުޅޭ އުސޫލާއި އެއްގޮތަށް ކުއްޔަށް ދޫކޮށްފައިވާ ވިޔަަފާރި ބިންތަކުގައި ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގަމުންދާ ކަމަށެވެ.

އަދި އިސްލާމީ މުޖްތަމައުއެއްގައި ކުރުމަށް ބަލައި ނުގަނެވޭނެ ފަދަ ކަންކަން ހިންގާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުންވެސް ލިބިފައިވާއިރު އެކަން ކައުންސިލަށްވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

".. މި ގޮތުން ނަމާދު ގަޑިތަކުގަޔާއި ރޭގަނޑު 10:00 ގެ ފަހުން އަޑުގަދަކޮށް ބާރަށް ލަވަ ޖަހާ މައްސަލަ އާއި ކައުންސިލްގެ ހުއްދަ ނެތި ބިންތަކާއި އިންވެގެންވާ މަގުތައް ބަންދުކޮށް އެ ތަނުގައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި އިސްލާމްދީނާއި ދިވެހި ސަގާފަތަށް ފުށުއަރާ ފަދަ ޢައިރު މުސްލިމުންގެ ނުވަތަ ބޭރު ގައުމުތަކުގެ ދީނާއި ގުޅޭ ދުވަސްތައް ފާހަގަކުރުމާއި އިސްލާމީ ރިވެތި އަހުލާގުގެ ބޭރުން ވިޔަފާރި ބިންތަކުގައި އަމަލުކުރަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ،"

މާފުށީ ކައުންސިލްގެ އިއުލާނުގައިވަނީ އެއްބަސްވުމާއި ހިލާފަށް ބިންތަކުގައި ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓާލުމަށް އަންގާފައެވެ. އަދި ބިންތައް ދޫކޮށްފައިވާ ބޭނުން ފިޔަވައި އެެހެން ބޭނުމެއް ބިމުގައި ކުރަންވާނީ ކައުންސިލަށް ލިޔުމުން ހުށައަޅައި ލިޔުމުން ހުއްދަ ހޯދައިގެން ކަމަށެވެ. މި ނޫން ގޮތަކަށް ބިންތައް ބޭނުންކުރާނަމަ އެއްބަސްވުމުގެ 11 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން އެއްބަސްވުން ބާތިލުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.