އުތުރު ތިލަފަޅު ނުވަތަ ޔޫޓީއެފް އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުން ފޮރުވައިގެން، ސިއްރުން ކަންކަން ކުރަން ނޫޅޭ ކަމާއި އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތް ތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
އުތުރު ތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު ހާމަކުރަން ހަސަން ލަތީފް ގޮވާލެއްވިއިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ސިފައިންގެ އިސްވެރިން 241 ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެ އެއްބަސްވުމުގެ އަސްލު، ކޮމިޓީގެ މެންބަރުންނަށް ދައްކާލާފައިވެ އެވެ. އަދި އެ އެއްބަސްވުމާ ގުޅޭ ތަފްސީލް މައުލޫމާތުތައް ހިމެނޭ ޕްރެޒެންޓޭޝަނެއް މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފަ އެވެ.
އުތުރު ތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު ސަރުކާރުން ހާމަކުރުމަށް ހަސަން ލަތީފް ގޮވާލެއްވުމާ ގުޅިގެން އެމްޑީޕީގެ ދުވާފަރު ދާއިރާގެ މެންބަރުން އިސްމާއީލް އަހްމަދު ވަނީ ހަސަން ލަތީފަށް ރައްދުދެއްވާފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ މެންބަރެއްގެ ގޮތުގައި ފާހަގަކުރެވޭ އިސްމާއީލް ވިދާޅުވީ ހަސަން ލަތީފް 241 ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ގާނޫނީ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި އުތުރު ތިލަފަޅު އެއްބަސްވުމުގެ ވާހަކަ ދެއްކެވުމަކީ ލަދުވެތިވާ ކަމެއް ކަމަށެވެ.
"ސުވާލު އުފެދޭނަމަ ހަވާލުވެ ހުންނެވި ގާނޫނީ ޒިންމާ އަދާކުރުމަށް ހަނދުމަކޮށް އަރުވަން،" ހަސަން ލަތީފްގެ ޓްވީޓަށް ރައްދުދެއްވާ އިސްމާއީލް އަހްމަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
އުތުރު ތިލަފަޅު އެއްބަސްވުުމުގެ ދަށުން ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް އިންޑިއާއިން ތަރައްގީ ކުރާނެ އެވެ. އެތަން އިންޑިއާއިން ތަރައްގީކުރި ނަމަވެސް އެ ތަނުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ. އެކަމަކު އިދިކޮޅު ޕާޓީ ތަކުން ބުނާ ގޮތުގައި ޓެކްނީޝަނުންގެ ނަމުގައި އެތަނުގައި އިންޑިއާ ސިފައިން ގާއިމުވެގެން ތިބޭނެ އެވެ.
އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ އެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރަައްކާވާ ކަހަލަ ކަމެއް ނެތް ކަމަަށް ވިދާޅުވެފަ އެވެ.