ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމަށް ބަޔަކު ހަމަލާ ދިން މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ކަށަވަރުކުރުމަށް ރައްޔިތުންގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މިމައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.
މަޖިލިސް ރައީސް މުހައްމަދު އަސްލަމަށް ހަސަން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕީޖީ ޝަމީމަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގުކޮށް އެކަށީގެންވާ މުއްދަތެއްގައި އެ ތަހުގީގު ނިންމާކަން ކަށަވަރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މާލޭގެ ނޫރު މިސްކިތް ކައިރިން މިއަދު ފަތިހު ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައިސް މޫނު ނިވާކޮށްގެން ތިބި ދެ މީހުންނެވެ.
ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ މަރުތޭލެއް ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ހަމަލާ އާއި ގުޅިގެން ޝަމީމުގެ އަތުގެ ކަށިގަނޑުގައި ރެނދުލާފައިވާތީ އޭޑީކޭ އިން ފަރުވާ ދިނުމަށްފަހު މިހާރު ގެއަށް ދޫކޮށްލާފަ އެވެ.
ޝަމީމަށް ހަމަލާ ދިން މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.