އެޗްޑީސީ

މިއަހަރުވެސް ގޯލްޑް 100 އެވޯޑު އެޗްޑީސީއަށް

Nov 18, 2021

ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނި ފާހަގަކޮށް ކޯޕަރޭޓް މޯލްޑިވްސްއިން ދެމުގެންދާ "ގޯލްޑް 100" އެވޯޑް އަނެއްކާވެސް އެޗްޑީސީއަށް ލިބިއްޖެ އެވެ.

މިއީ މި އެވޯޑު ތަކުރާރުކޮށް އެޗްޑީސީއަށް ލިބުނު ފަސް ވަނަ ފަހަރެވެ. އަންގާރަ ދުވަހުގެ ރޭ ކްރޮސްރޯޑުގައި ބޭއްވި ގާލާ އިވެންޓްގައި މި އެވޯޑާއި އެޗްޑީސީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލް އެވެ.

އެވޯޑާއި ހަވާލުވެވަޑައިގަތުމަށްފަހު ސުހައިލް ވިދާޅުވެފައި ވަނީ ފަސް ވަނަ ފަހަރަށް އެޗްޑީސީއަށް މި އެވޯޑު ލިބުމަކީ އެ ކޯޕަރޭޝަންގެ ކާމިޔާބީ ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. ރާއްޖެއަށް ތަރައްގީ ގެނައުމަށް އެޗްޑީސީއިން ކުރަމުން އަންނަ ބުރަ މަސައްކަތް ވެސް މި އެވޯޑާއެކީ ހާމަވެގެން ހިނގައްޖެ ކަމަށް ސުހައިލް ވަނީ ވިދާޅުވެފަ އެވެ.

އެޗްޑީސީ އަކީ ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ، ތަރައްގީ ގެނެސްދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ކޯޕަރޭޝަނެކެވެ. އަދި ހާއްސަކޮށް ހުޅުމާލެ ސްމާޓް ސިޓީއަކަށް ބަދަލުކުރުމަށް އެޗްޑީސީއިން އަންނަނީ ބޮޑެތި މަޝްރޫއުތައް ހިންގަމުންނެވެ.