ހަބަރު

ތާނަ އަކުރުގެ ފުރަތަމަ ބްރެއިލް ފޮތް މެޑަމް ފާތުން ނެރުއްވައިދެއްވައިފި

Dec 8, 2015
3

ލޯފަން ކުދިންނަށް ތާނަ އަކުރު ދަސްކޮށްދިނުމަށް، "ތާނަ އަކުރުތަކުގެ ބްރެއިލް ފޮތް" ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހިމް މިއަދު ނެރުއްވައި ދެއްވައިފި އެވެ.

އަލްގާރީ އަބްދުއް ރަޝީދު ތައްޔާރު ކުރެއްވި އެ ފޮތް ނެރެދެއްވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރު ދައްކާލުމުގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި މެޑަމް ފާތިމަތު އިބްރާހިމް އެވެ. މެޑަމް ވިދާޅުވީ އެ ފޮތަކީ ފެނުމުން މަހުރޫމްވެފައިވާ ކުދިންގެ ތައުލީމަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެފަދަ ފޮތެއް އެކުލަވާލުމުގެ ބުރަ މަސައްކަތް ކުރެއްވި ކަމަށް ޓަކައި ގާރީ ރަޝީދަށް ޝުކުރު އަދާ ކުރެއްވި އެވެ.

ބްރައިލް އަކުރަކީ، ކަރުދާހުގައި އަކުރުތައް ލިޔުމުގެ ބަދަލުގައި، އަކުރުތައް އެމްބޯސްކޮށް ތިކިތަކެއްގެ ގޮތުގައި ޗާޕްކޮށްފައި ހުރުމެވެ. އަކުރު ބައްޓަމަށް މައިގަނޑު ހަތިއްކެއް އަތުރައިގެން ލިޔެފައި ހުންނަ ބްރައިލް އަކުރު ލޯފަން މީހުން އުގެނުމުގައި ބޭނުން ކުރާ އިރު އެ މީހުން އަކުރުތައް ދެނެގަންނާނީ އެ ތިކިތަކުގައި އަތް ޖައްސައިގެންނެވެ. މީގެ ކުރިން ތާނަ އަކުރުގެ މިފަދަ ފޮތެއް ނެރެފައެއް ނުވެ އެވެ.

އެހެން ނަމަވެސް ދުނިޔޭގެ މަޝްހޫރު ބަސްތައް ކަމަށްވާ، އަރަބި އިނގިރޭސި އަދި ފަރަންސޭސި ބަހުން ވެސް ބްރެއިލް އަކުރުގެ ފޮތްތައް ތައާރަފްކޮށްފައިވެ އެވެ.

މިއަދުގެ މައުރަޒު ހުޅުއްވައިދެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ވަނީ ނުކުޅެދޭ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާ އެކު އެ ކުދިން ތައްޔާރުކޮށްފައިވާ ތަކެތި ބަލާލައި އެތަކެތީގެ މައުލޫމާތު ހޯއްދަވައިފަ އެވެ. އަދި އެ ކުދިންނަށް ހިތްވަރު ދެއްވި އެވެ.

އެ ހަފްލާގައި ޖެންޑާ ޑިޕާޓްމަންޓް ހިންގަވާ އެޓާނީ ޖެނެރަލް އަނިލް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހަމަ ހަމަ ފުރުސަތެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަމުގައި ސާބިތުވެ ތިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ކުދިންނަށް ދޭން ޖެހޭ އެހީތައް ސަރުކާރުން ހުއްޓުމެއް ނެތި ދެއްވުމަށް އަނިލް ވައުދުވެ ވަޑައިގެންނެވި އެވެ.