ބޭންކް އޮފް މޯލްޑިވްސް އިން އދ. ދަނގެތީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.
އެ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ދަނގެތީގައި ހުޅުވި އޭޓީއެމް އާއެކު ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފުޅާކުރެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
ބޭންކުން މިހާރުވެސް އދ. އަތޮޅުގެ ތިން ރަށެއްގައި ވަނީ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވާފަ އެވެ. އެއީ ދިގުރަށް، މަހިބަދޫ އަދި މާމިގިލީގަ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 33 ސެލްފްސާ ވިސް ބޭންކިން ސެންޓަރު، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލްއިން ދަނީ ދެމުން ނެވެ. ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބެންކުން ބުނެ އެވެ.