ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޝަރީއާ ކޮމްޕްލައެންޓް ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު މިއަދު ތައާރަފްކޮށްފި އެވެ.

ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑަކީ، ކަސްޓަމަރަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް އިސްލާމިކް ބޭންކިންގެ އުޖްރާ އުސޫލުން ފަރުމާކޮށްފައިވާ ކާޑެކެވެ.

ކްލެސިކް، ގޯލްޑް، ޕްލެޓިނަމް އަދި ސިގްނޭޗާ ކާޑު ލިބެން ހުންނަ މި ވިސާ ކާޑަކީ ރާއްޖެ އާއި ރާއްޖެއިން ބޭރު މުއާމަލާތްތައް ކުރެވޭ ގޮތަށް އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ކާޑެކެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައް ކުރުމަށް ފަސޭހަކަމާއި އެކު މި ކާޑު ބޭނުންކުރެވޭނެ އެވެ.

ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް، ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގައި ބައިވެރިވެ، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެ އެވެ. ފްލައިޓް ޓިކެޓް، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާޗަންޓުންގެ ވައުޗަ ހޯދުމަށްވެސް ރިވޯޑް ޕޮއިންޓްސް ބޭނުންކުރެވޭނެ އެވެ.

ބީއެމްއެލްގެ ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ ކަސްޓަމަރުންނަށްދޭ އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ތެރެއިން ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއަށް، ވިސާ ކްރެޑިޓް ކާޑު ތައާރަފް ކުރުން ވެގެންދިއުމަކީ ބީއެމްއެލްއަށް ލިބޭ އުފަލެއް ކަމަށެވެ.

"ބީއެމްއެލްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ވިސާގެ ހިދުމަތްތަކާއި އެއްހަމައެއްގައި އިސްލާމިކް ބޭންކިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ އަދި ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުން،" ކަލާމް ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގެ އިސްލާމިކް ބޭންކިން ދާއިރާއަށް ތަފާތު، އާ ހިދުމަތްތައް ތައާރަފްކުރަމުންނެވެ. މިގޮތުން ބޭންކުން ވަނީ ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑު މި އަހަރު ކުރީކޮޅު ތައާރަފްކޮށްފަ އެވެ.