ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ގާފަރުގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ގާފަރުގައި މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށްޓައިފި އެވެ.

ބީއެމްއެލް އިން ބުނީ ގާފަރުގައި އަލަށް ހުޅުވި އޭޓީމީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން ވިދާޅުވީ ގާފަރުގައި އަލަށް ހުޅުވި ސެލްފް ސާވިސް ބޭންކިން ސެންޓަރަކީ ކަސްޓަމަރުން ބޭނުންވާ ފަދަ ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ މިސާލެއް ކަމަށެވެ.

ގާފަރުގައި ފެށުނު އޭޓީއެމް ހިދުމަތާއެކު ކ. އަތޮޅުގައި ކާށިދޫ އަދި މާފުށީގައި ގާއިމުކޮށްފައިވާ ދެ ބްރާންޗުގެ އިތުރުން އެ އަތޮޅުގައި މީހުން ދިރިއުޅޭ އިތުރު ހަ ރަށެއްގައި ބީއެމްއެލް އިން މިހާރު ވަނީ ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށްފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 89 ސެލްފްސާވިސް ބޭންކިން ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.