ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއަށް ފުރަތަމަ ފަހަރަށް ދިވެހި ސީއީއޯއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މުހައްމަދު ޝަރީފް އައްޔަންކުރައްވައިފި އެވެ.

މިއީ ބީއެމްއެލްގެ ތާރީހުގައިވެސް މި މަގާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

ބޭންކުން ހާމަކުރި ގޮތުގައި ޝަރީފް މި މަގާމާ ހަވާލުވާނީ މާދަމާއިން ފެށިގެންނެވެ. މިއީ ބޭންކަށާއި ދިވެހިރާއްޖޭގެ މާލީ ދާއިރާއަށް ހާސިލުކުރެވުނު މުހިއްމު ލަނޑުދަނޑިއެއް ކަމުގައިވެސް ބީއެމްއެލްއިން ދެކެ އެެވެ.

މުޙައްމަދު ޝަރީފަކީ މާލީ ދާއިރާގައި 25 އަހަރަށް ވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެތެރޭގައި އެގްޒެކެޓިވް އަދި ބޯޑު ފެންވަރުގައި 7 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގައި ކުރިން މަސައްކަތްކުރެއްވި ދުވަސްވަރު ޝަރީފް ވަނީ ބޭންކުގެ ހިންގުން ޒަމާނީކުރުމާއި ކުރިއެރުވުމަށް މުހިއްމު ދައުރެއް އަދާކުރައްވާފަ އެވެ. މީގެތެރޭގައި ކޯ-ބޭންކިން ސިސްޓަމްތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފް ކުރުމާއި، އިންޓަނެޓް މޯބައިލް ބޭންކިން އަދި އީކޮމާސް ޕޭމަންޓް ގޭޓްވޭ ފަދަ ޑިޖިޓަލް ހިދުމަތްތައް ތައާރަފް ކުރުން ހިމެނެ އެވެ.

ޝަރީފްގެ ލީޑަޝިޕްގެ ދަށުން ބީއެމްއެލްގެ މާލީ ހާލަތު ކުރިން ވަނީ ހަރުދަނާވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެފަ އެވެ. އަދި ބޭންކުގެ ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރެވުނު މަސައްކަތުގައިވެސް ޝަރީފް ކުރިން އިސް ދައުރެއް އަދާކުރައްވާފައިވެ އެވެ.

ތަޢުލީމީ ގޮތުން ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް މެންޗެސްޓާ އިން އެމްބީއޭ ހާސިލް ކުރައްވާފަ އެވެ. އަދި ލަންޑަން ބިޒްނަސް ސްކޫލުން ސީނިއާ އެގްޒެކެޓިވް ޕްރޮގްރާމް ފުރިހަމަކުރައްވާފައިވެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވަކިވެވަޑައިގަތުމަށްފަހު، ޝަރީފް ވަނީ އަމިއްލަ ވިޔަފާރީގެ ދާއިރާގައި އެގްޒެކެޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފަ އެވެ.