ފަހި ދިރިއުޅުން ކޯޕަރޭޝަން

ޔޫތާއެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހިންގަނީ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އިން ޔޫތް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލެވެ.

ހުސެން އިސްމާއީލް ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުތައް ހިންގަނީ ދިގު މުއްދަތަށް ދެމިގެންދާ ތަމްރީނުގެ ފުރުސަތުތައް ޒުވާނުންނަށް ތަނަވަސްކޮށް ދޭން ކަމަށެވެ.

ސަލްފިއްޔާ އަންވަރު ވިދާޅުވީ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްގެންދަން އެފްޑީސީގެ ފަރާތުން ބޭނުންވާ ފުރިހަމަ އެއްބާރުލުން ޔޫތް މިނިސްޓްރީއަށް ދޭނެ ކަމަށެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ މުއްދަތަކީ ހަ މަސްދުވަ ހެވެ.