އެޕެރެންޓިސްޝިޕް ޕްރޮގްރާމް

މިފްކޯއިން 22 ޒުވާނުން ތަމްރީން ކުރަނީ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 22 ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ޔޫތް މިނިސްޓްރީން މިފްކޯއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ، ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.

މިފްކޯގައި ފުރުސަތު އޮތް ހަ ދާއިރާއަކުން ޒުވާނުން ތަމްރީން ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ވަޒީފާތަކަކީ މެރިން މެކޭނިކް ވެލްޑިން ޓެކްނިކްސް، އޮޓޮމޯޓިވް މެއިންޓެނަންސް، ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް، ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކް އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް އެވެ.

މިފްކޯގެ ތަމްރީންތަކުގައި އެކުދިން ހަ މަސްދުވަސް ހޭދަކުރަން ޖެހޭނެ އެވެ. އަދި ކޮންމެ މަހަކު 3000 ރުފިޔާގެ އެލެވެންސެން ލިބޭނެ އެވެ. އަދި ތަމްރީނަށް ފަހު އެ ކުންފުނިން ވަޒީފާގެ ފުރުސަތު ވެސް އެ ކުންފުނިން ލިބޭނެ އެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.