ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ޒުވާނުން ކުށްތަކާ ދުރުކުރަން ކުރާ މަސައްކަތުގެ ނަތީޖާ ފެނޭ"

Oct 23, 2022

ޒުވާނުންގެ މެދުގައި އޮތް މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާޢީ ކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ފަރާތުން ހުށަހެޅުއްވި ދިރާސާއަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. މިގޮތުން މި ދިރާސާގައި ޒުވާނުންނާ ބެހޭ ގޮތުން ހައްލު ހޯދަންޖެހިފައިވާ ވަރަށް ގިނަ ކަންތައް ހުރި ކަމުގައި ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ދިރާސާގައި ފާހަގަކޮށްފައިވާ މުހިއްމު ދެމައްސަލައިގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާއީ ކުށްތަކަށް ޒުވާނުން އަރައިގަންނަ މައްސަލައަކީ، އިޖުތިމާއީ އެތައް ކަމަކާ ގުޅިފައިވާ ވަށައިޖެހޭ ހައްލަކަށް ބޭނުންވާ ދެ މައްސަލަ ކަމަށެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށްވެސް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އަދި ގޭންގު ކުށްތަކާ ދެކޮޅަށްވެސް ރޭވުންތެރިކަމާއެކު ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ދެ މައްސަލައަށް މަގުފަހިކުރާ ކަންކަމުގެ ތެރޭގައި މަތީ ތައުލީމުގެ ފުރުސަތުތައް މަދުވުމާއި، ވަޒީފާގެ ފުރުސަތުތައް މަދުވުން ހިމެނޭ ކަމަށެވެ.

"އެހެންވެ ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ މަގު ފަހިކޮށްދިނުމާއި ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން އަޅާފައިވާ މުހިއްމު ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަން ފަށައިފި އެވެ. ރައީސް ވަނީ ޒުވާނުންނަކީ ނަފްސާނީ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ.

މިއަހަރު ޒުވާނުންގެ އެވޯޑް ހާސިލްކުރި ޒުވާނުންނަށް މިޖަލްސާގައި އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ. މިއަހަރު ޒުވާނުންގެ އެވޯޑް ލިބިފައިވަނީ 10 ބޭފުޅަކަށެވެ.

ރާއްޖޭގެ ޒުވާނުންނާއި ގުޅޭގޮތުން ގައުމީ ޔުނިވަސިޓީން ހެދި ދިރާސާ ރިޕޯޓް ނައިބް ރައީސް ފައިސަލް ނަސީމު ވަނީ މިޖަލްސާގައި އިފްތިތާހު ކޮށްދެއްވާފަ އެވެ.

ގައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހެވެ.