މި ސަރުކާރުގެ އިތުބާރު ގެއްލުވާލައި ސަރުކާރަށް ގެއްލުން ދޭން އެމްޑީޕީގެ މެންބަރުންތަކެއް މަސައްކަތް ކުރަމުންދާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހުގެ ސަޕޯޓަރުންނާ އެކު މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަހުލޫފް ވިދާޅުވީ މި ސަރުކާރުގެ އިތުބާރު ގެއްލުވާލައި މި ސަރުކާރުގެ ޕްރޮޖެކްޓްތައް ބިލާހަކަށް ހަދަން އެމްޑީޕީގެ މެންބަރުންތަކެއް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"މި ސަރުކާރުގެ އިތުބާރު ގެއްލުވާލުމަށް އިންތިހާއަށް މަސައްކަތްކޮށްފި. މި ސަރުކާރުން ކުރިއަށް ގެންދާ އެތައް ހާސް ޕްރޮޖެކްޓަކީ ބިލާހެއް ކަމަށް ހެދުމަށް މަސައްކަތްކޮށްފިި،" މަހުލޫފް ވިދާޅުވި އެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި އެހެން ޕާޓީއަކުން ސަރުކާރަށް ގެއްލުން ނުދޭ ވަރަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންތަކެއް ސަރުކާރަށް ގެއްލުން ދީފައިވާ ކަމުގައިވެސް މަހުލޫފް ވިދާޅުވި އެވެ. އަދި ސަރުކާރު ބަދުނާމު ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކެނޑިނޭޅި އެ މެންބަރުން ކޮށްފައިވާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުކުންނެވީ ރައީސް ނަޝީދުގެ ޕަޕެޓަކަށް ރައީސް ސޯލިހު ނުވުމުން ކަމުގައިވެސް މަހުލޫފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހާ ދެކޮޅަށް ރައީސް ނަޝީދު ނިކުންނެވީ އެމަނިކުފާން ވިދާޅުވާހާ ގޮތަކަށް ރައީސް ސޯލިހު އަމަލުނުކުރައްވާތީ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވާހާ މީހަކު ސިޔާސީ މަގާމުތަކަށް އައްޔަންކުރައްވައިގެން އަދި ނަޝީދު ވިދާޅުވާހާ ގޮތަކަށް ޕަޕެޓަކަށް ވެގެން އަމަލުކުރެއްވުމަކީ ރައީސް ސޯލިހް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.
"ހުރިހާ ކަމެއް ވިދާޅުވާ ގޮތަކަށް ނުކުރެވޭނެ. މައްސަލައަކީ ވެރިކަން ރައީސް ސޯލިހަށް ދެއްވީ ވެސް ތިމަންނަ އެކަނި ކަމާއި ވެރިކަމުން ބާލާނީ ވެސް ތިމަންނަ އެކަނި ކަމަށް ގަބޫލު ކުރެވޭ ކުރެވުން،" މަހްލޫފް ވިދާޅުވި އެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ ހަގީގަތް އޮޅުވާލައިގެން ވާހަކަދައްކައިގެން ވެރިކަމަށް އަންނަން މަސައްކަތް ކުރުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ވޭތުވެ ދިޔަ 50 އަހަރު ރަށްރަށުގައި ނުހިންގާ ވަރުގެ ގިނަ މަޝްރޫތައް ރައީސް ސޯލިހުގެ ސަރުކާރުގެ ވޭތުވެ ދިޔަ މުއްދަތުގައި ހިންގާފައިވާ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ. އަދި ރަށްރަށަށް ތަރައްގީ ގެނައުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެއްވެސް ރަށެއް ތަފާތު ނުކުރުން ކަމުގައި ވިދާޅުވި އެވެ. ޔޫތު މިނިސްޓްރީން އެކަނިވެސް 500 މަޝްރޫއު އެކި މަރުހަލާތަކުގައިވާ ކަމަށްވެސް ވިދާޅުވި އެވެ.