ފައިސަލް ނަސީމް

ރާއްޖޭގެ ތަރައްގީއަށް ޒުވާނުންގެ ދައުުރު މުހިއްމު: ނައިބް ރައީސް

Aug 13, 2022

ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޒުވާނުންގެ އާބާދީގެ ދައުރަކީ މުޅި ދުނިޔެއަށްވެސް ވަރަށް މުހިއްމު ދައުރެއް ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށި ސިޓީކައުންސިލާއި ރާއްޖޭގައި ހުންނަ އދ.ގެ އޮފީސް ގުޅިގެން، ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ނައިބް ރައީސް ވިދާޅުވީ ކޮވިޑް-19 އިން އަރައިގަނެ ކުރިއަށް ދިއުމަށް މަސައްކަތް ކުރާއިރު މުޖުތަމުގެ ވިސްނުންތަކާއި އެކު ކަންކަން ނިންމުމުގައި ޒުވާނުންގެ ދައުރެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެކަމުގައި އޮތް ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ މަސައްކަތް ކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ޒުވާނުން ކަމަށްވާތީ ތަރައްގީގެ ކޮންމެ މަރުހަލާއެއްގައި އެ މީހުން ޝާމިލުކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަސައްކަތުގައި ރާއްޖޭގެ ޒުވާން އާބާދީ އަދާކުރާ ދައުރަކީ ޝައްކެއްވެސް ނެތް ގޮތުގައި ވަރަށް މުހިއްމު ދައުރެއް ކަންވެސް ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ ސިވިލް ސާވިސްގައި 11،000 އަށް ވުރެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަމުންދޭ. އިތުރު އެތައް ޒުވާނުންނެއް ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރަމުންވެސްދޭ. ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުވާނުންގެ ފަރާތުންވެސް ނަމޫނާ މަސައްކަތްތަކެއް ފެނިގެން ދިޔަ. އަދި އެމަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ ރާއްޖޭގެ މުސްތަގްބަލަށް އުއްމީދީ އާބާދީއެއް ކަން ހާމަވެގެންވެސް ދިޔަ،" ނައިބް ރައީސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މާދަމާގެ މުސްތަޤުބަލަށްޓަކައި އެންމެ މުހިއްމު ކަމަކީ ޒުވާނުން ބާރުވެރިކުރުން ކަމަށާއި، ޒުވާނުންނަށް ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައިދީ، ޒުވާނުންނަކީ ގާބިލް ބަޔަކަށް ހަދަންޖެހޭ ކަމަށެވެ. އަދި މިކަމަކީ އެންމެން އެއްބައިވެ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށާއި ވަގުތު ދިވެހި ގައުމު ބޭނުންވަނީ އެންމެން އެކުވެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ނައިބް ރައީސް ވަނީ ދުވަހާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ހާއްސަ ވީޑިއޯއެއްވެސް އިފްތިތާހްކޮށްދެއްވާފަ އެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ "ޖީލުތަކުގެ އެއްބައިވަންތަކަން: ހުރިހާ އުމުރަކާއި ގުޅޭ މުސްތަގުބަލެއް ބިނާކުރުން" މިޝިއާރެވެ.