ފައިސަލް ނަސީމް

ކުރީގެ ނައިބް ރައީސް ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވައިފި

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފައިސަލްގެ މެންބަޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

މިރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ ފައިސަލް އަކީ އެމަނިކުފާނުގެ ސަރުކާރުގައި ނަތީޖާ ނެރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އިތުބާރު ކުރެވޭ ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ.

"ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެމްޑީޕީއަށް އިތުރު ޖޯޝެއް މި އައީ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ފައިސަލް އެ ޕާޓީން ވަކިވެވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ފައިސަލް މިއަދު ވިދާޅުވީ އެމްޑީޕީއަކީ އެމަނިކުފާނުގެ ފިކުރާ އަބަދުވެސް ވަރަށް ގުޅޭ ސިޔާސަތުތަކެއް ހިމެނޭ ޕާޓީއަކަށްވާތީ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެން ގުޅިގެން އެމްޑީޕީއަށް މެޖޯރިޓީ ހޯދައިދޭން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ރައްޔިތުން ކަންބޮޑުވާ ކަންތައްތައް ހުރުމުން އެންމެން އެކުގައި މި މަސައްކަތް ކުރަންޖެހޭ،" ފައިސަލް ވިދާޅުވި އެވެ.