ނައިބް ރައީސް ފައިސަލް ނަސީމު ފެނިގެން ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަފާތެެރި ނައިބް ރައީސްއެއްގެ ގޮތުގައެވެ. އެކަން އެނގެނީ ފެހި ގާނޫނުއަސާސީގެ ދަށުން ވެރިކަމާ ހަވާލުވި ސަރުކާރުތަކުގެ ތެރެއިން މިސަރުކާރު ފިޔަވާ ހުރިހާ ސަރުކާރެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ އާއި ނައިބް ރައީސްއާ ދެމެދު ކުންޏެއް ޖެހި މަގާމު ދޫކޮށްލަން ޖެހިފައިވާތީ އެވެ. ނުވަތަ ދައުރެއްގެ މެދުތެރެއިން ވެރިކަމެއް ބަދަލުވެ ނައިބް ރައީސް ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ޖެހިފައިވާތީ އެވެ. އެކަމަކު ރައީސް ސޯލިހާއި ފައިސަލް ނަސީމު އިސްކޮށް ތިއްބެވި މިސަރުކާރުގެ މިދައުރު ނިމެން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު ވެސް ދެބޭފުޅުންގެ ގުޅުން ފެނިގެންދަނީ ބަދަހިކޮށެވެ.
ދެ ބޭފުޅުންގެ ގުޅުން ރަނގަޅު ކަން އަންގައިދޭ އަނެއް ކަމަކީ ނައިބް ރައީސް ފައިސަލް ނަސީމު ގެންދަވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބުވުމަށް ކުރައްވަމުން ގެންދަވާ ކެމްޕޭންގައި ވެސް އަމަލީގޮތުން ބައިވެރިވެ ރައީސް އަށް ވޯޓު ދެއްވުމަށް އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނަށް ދަންނަވަމުންނެވެ.
ރައީސް ސޯލިހް މިއަދު ފުވައްމުލަކަށް ކެމްޕޭން ވަޑައިގަތުމުން ފުވައްމަލަކުން ރައީސް އަށް އިސްވެ މަރުހަބާ ދެންނެވީ ވެސް ފައިސަލް އެވެ. ރައީސް ފުވައްމުލަކަށް ވަޑައިގަތުމުގެ ކުރިން ފައިސަލް ވަނީ އެއާޕޯޓުގައި އެމަނިކުފާނު ވެސް ނިސްބަތްވާ ރަށުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވާ ރައީސް ސޯލިހަށް ވޯޓު ދެއްވުމަށާއި ވޯޓު ދެއްވަން ޖެހޭ ސަބަބުތައް އޮޅުން ފިލުއްވައިދެއްވުމުގައި ވަގުތު ހޭދަކުރައްވާފަ އެވެ.
ނައިބް ރައީސް ފައިސަލް އެގޮތަށް ވަކިވަކިން ބޭފުޅުންނާ ބައްދަލުކުރައްވަނިކޮށް އެތަނުގައި ތިބި ބަޔަކު އެމަނިކުފާނުގެ ގާތަށް ޖަމާވެފަ އެވެ. އެއާ އެކު ފައިސަލް ވަނީ ތަންކޮޅެއް އަޑުހަރުކޮށް އަދި ފުވައްމުލަކު ބަހުރުވައިން އެތަނުގައި ތިބި މީހުންނާ ވާހަކަދައްކަވާފަ އެވެ. ތަކުރާރުކޮށް ވިދާޅުވީ ރައީސް ސޯލިހަށް ވޯޓު ދެއްވުމަށެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ފުވައްމުލަކު ރައްޔިތުން "ހަމަ ބުނެލާއިރަށް" ސަރުކާރުން ގެދަނީ އެކަމެއް ކޮށްދެމުންނެވެ. ފައިސަލް އެހެން ވިދާޅުވުމާ އެކު އެތަނުގައި ތިބި މީހުން އެމަނިކުފާނާ އެއްބަސްވުމުގެ އަތްޖެހި އެވެ.
ނައިބް ރައީސް ވިދާޅުވީ ގައުމަށް ވަކިން ހާއްސަކޮށް ފުވައްމުލަކު ރައްޔިތުންނަށް ހިދުމަތް ކުރުން ފިޔަވާ އިތުރު ބޭނުމެއް އެމަނިކުފާނުގެ ހަޔާތްޕުޅުގައި ނެތް ކަމަށެވެ. އެމަނިކުފާނު މާލޭގައި ދިރިއުޅުއްވާއިރުވެސް ރަށުގައި ހުރި އަމިއްލަ ގެ ރަނގަޅު ފެންވަރަކަށް ހެއްދެވީވެސް ރަށް ދެކެ ލޯބިވާތީ ރަށަށް ވަޑައިގެން ރަށަށް ހިދުމަތް ކުރެއްވުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
ފައިސަލް ވަނީ ރައީސް ސޯލިހް އެއްބުރުން އިންތިހާބުކޮށްދިނުމަށްވެސް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.
ރައީސް ސޯލިހް މިއަދު ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެންބަރުން މުޒާހަރާކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ނައިބް ރައީސް ވިދާޅުވީ އެއީ ބޭކާރު ކަމެއް ކަމަށެވެ.
"އެ މީހުންނަށް ވެސް ހެޔޮ ވިސްނުން އަހަރެން ބޭނުން ވެނީ،" ފުވައްމުލަކު ބަހުރުވައިން ރައީސް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، ފުވައްމުލަކު މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމާއި އަދި މިފްކޯގެ ފެކްޓަރީއެއް ހެދުމުގެ މަސައްކަތް މިސަރުކާރުން ގެންދަނީ ފުވައްމުލަކުގައި ކުރަމުންނެވެ. މީގެއިތުރުން ފުވައްމުލަކު ބައެއް ސްކޫލުތަކުގައި މަލްޓި ޕާޕަސް ހޯލް އަޅައިދީ ކުޅިވަރު ފެސިލިޓީތައް ގާއިމުކޮށްދީ އަދި ހޮސްޕިޓަލްގައި މުހިއްމު ހިދުމަތްތަކެއް މިސަރުކާރުގައި ވަނީ އަލަށް ފަށާފަ އެވެ.