ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ފުވައްމުލަކު ބަނދަރާއި އެއާޕޯޓް ބޮޑުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.
ފުވައްމުލަކުގައި މިރޭ ބޭއްވި ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކު އެއާޕޯޓަށް މިހާރު ޒަމާނީ ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށެވެ. އެގޮތުން ވިދާޅުވީ ފުވައްމުލަކު އެއާޕޯޓު ބޮޑު ކުރެވެން އޮތް ގޮތެއް ހޯދައި އެކަން ކޮށްދެއްވާނެ ކަމަށެވެ. އޭރުން އައިލެންޑް އޭވިއޭޝަނުން މިހާރު ގެންގުޅޭ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ފުވައްމުލަކަށް ޖެއްސޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުތަކުން ފުވައްމުލަކުގެ ތަރައްގީއަށް މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް އެ މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އޭގެނަތީޖާއަކީ ރަށަށް ދިރުން ނުލިބި އޮތުން ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުތަކުންވެސް ފުވައްމުލަކުގައި ކޮންމެވެސް މަޝްރޫއުތަކެއް ހިންގި ކަމަށާއި ނަމަވެސް ބައެއް މަޝްރޫއުތައް ލަސްވެ ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. ފުވައްމުލަކުގައި މިހާރު އޮތް ބަނދަރަކީ ރައީސް މައުމޫންގެ ސަރުކާރުގައި ކޮށްދީފައިވާ މަސައްކަތެއް ކަމުގައިވެސް ވިދާޅުވި އެވެ.
"މައްސަލައަކަށް ވަނީ ފަހަރަކު ކަމެއް ފަހަރަކު ކަމެއް މަޑުމަޑުން ކުރަން ޖެހުމުން، ބޭނުންވާ ދިރުން ނުގެނެވި އޮތީ،" ރައީސް ވިދާޅުވި އެވެ.
ފުވައްމުލަކު ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ މިހާރު އެ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ދިރާސާތައް މިހާރު ކުރަމުންދާ ކަމަށެވެ. ފުވައްމުލަކު ބަނދަރަށް ދިމާވެފައި އޮތް މައްސަލަ އަކީ ބަނދަރު ކުޑަވުން ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ދައުރެއްގައި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހަގީގަތަކަށް ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ފުވައްމުލަކުގައި ހެދުމަށް ނިންމާފައިވާ 50 އެނދުގެ ހޮސްޕިޓަލް ހާއްސަކުރާނީ ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށެވެ. މީގެ އިތުރުން ސިންތެޓިކް ޓްރެކަކާއި ސްޓޭޑިއަމެއް އަންނަ ދައުރެއްގައި ހަދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ފުވައްމުލަކު ރައްޔިތުން އެދުނު ގޮތަށް މަޝްރޫއުތަކެއް ހިމަނައިދީފައިވާނެ ކަމަށެވެ. އެގޮތުން މަގުތަށް ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމުކޮށްދިނުމަށް އޭރު ރައްޔިތުން އެދުނު ކަމަށާއި ވެރިކަމުގެ މިދައުރުގައި އެމަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ މަންޒަރު ފެންނަމުންދާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ފުވައްމުލަކުގައި މިހާރު ހަދަމުންދާ މަގުތަކުގެ އިތުރުން އެހެން މަގުތައްވެސް ހަދައިދޭނެ ކަމުގައި ވިދާޅުވި އެވެ.
"19.7 މީޓަރުގެ މަގުގައި ތާޜު އަޅައި ނިމިއްޖެ. މި މަސައްކަތް ނިންމާނީ ހަދަން ޖެހޭ ހުރިހާ މަގެއް ހަދައި ނިންމާފައި. ފެނުގެ ނިޒާމު ހައްލު ކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.
ފުވައްމުލަކުގައި އެންމެ ގިނަ މަޝްރޫއުތައް ހިންގީ މި ސަރުކާރުން ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރު ތަކުން 10 އަހަރު ތެރޭގައި ފުވައްމުލަކުގައި ފަށާފައިވަނީ 27 މަޝްރޫއު ކަމަށެވެ. ނަމަވެެސް މިސަރުކާރުން އެކަނިވެސް 43 މަޝްރޫއެއް ފަށާ ކުރިއަށް ގެންދާ ކަމުގައިވެސް ވިދާޅުވި އެވެ.