ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފުވައްމުލަކަށް ވަޑައިގަންނަވާއިރު މަރުހަބާ ދެންނެވުމަށް ނައިބު ރައީސް ފައިސަލް ނަސީމު އެ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް ސޯލިހު މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާއިރު މަރުހަބާ ދެންނެވުމަށް ނައިބު ރައީސް ފައިސަލް އެ ސިޓީއަށް ވަޑައިގަންނަވާކަން ސަރުކާރުގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ސޯލިހުގެ ރަނިންމޭޓު އިއުލާނުކުރައްވާނެ ކަމަށް ބައެއް މީހުން ސޯޝަލްމީޑިއާގައި ބުނެފައިވެ އެވެ. ނަމަވެސް އެކަން އެމްޑީޕީން ވަނީ ދޮގުކޮށްފަ އެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވާނެ ކަމެއް ބައެއް މީހުން ބުނި ނަމަވެސް ނައިބު ރައީސްގެ ފަރާތްޕުޅުން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު ފުވައްމުލައް ސިޓީއަށް ދަތުރުފުޅު ކުރައްވަން ކުރިން ތާވަލުކޮށްފައި އޮތީ އިއްޔެ އެވެ. ނަމަވެސް އެ ދަތުރުފުޅު މިއަދަށް ފަސްކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.