ޒުވާނުން

ނުވަ ދާއިރާއަކުން ޒުވާނުންގެ އެވޯޑް 10 މީހަކަަށް ދީފި

Oct 23, 2021

މިއަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަަށް ދީފި އެވެ.

ޒުވާނުންގެ އެވޯޑް ދީފައިވަނީ މިރޭ އުތުރުގެ ކުޅުދުއްފުށި ސިޓީގައި އޮތް ޒުވާނުންގެ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.

އެވޯޑް ދީފައިވަނީ ނުވަ ދާއިރާއަކުންނެވެ. އެއީ މަސްވެރިކަމުގެ ދާއިރާ އާއި ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާ އާއި ދަނޑުވެރި ކަމުގެ ދާއިރާ އާއި ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އާއި ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރުމުގެ ދާއިރާ އާއި ޒުވާނުން ބާރުވެރި ކުރުވުމުގެ ދާއިރާ އާއި ދަރުމައަަށް މަސައްކަތް ކުރުމުގެ ދާއިރާ އާއި ދިވެހި ބަހާއި ސަގާފަތަަށް ހިދުމަތް ކުރުމުގެ ދާއިރާގެ އިތުރުން ފަންނުވެރި ކަމުގެ ދާއިރާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުމުގެ ދާއިރާ އެވެ.

މީގެ ތެރެއިން ދިވެހި ބަހާއި ސަގާފަތަަށް ހިދުމަތް ކުރުމުގެ ދާއިރާގެ އިތުރުން ފަންނުވެރި ކަމުގެ ދާއިރާ ހިމެނެނީ އާޓްސްގެ ދާއިރާގެ ތެރޭގައެވެ.

ޒުވާނުންގެ އެވޯޑް ލިބުނު މީހުން

  • މަސްވެރިކަމުގެ ދާއިރާ - އަބްދުﷲ ޔަމާން
  • ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާ - އަހުމަދު އަބްދުލްކަރީމް
  • ދަނޑުވެރި ކަމުގެ ދާއިރާ - އަލީ ފަވާޒް
  • ވިޔަފާރި އާއި އިގްތިސާދީ ދާއިރާ - އަރުޝަދު އަހުމަދު
  • ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރުމުގެ ދާއިރާ - އަފާ ހުސައިން
  • ޒުވާނުން ބާރުވެރި ކުރުވުމުގެ ދާއިރާ - ހަސަން ފަރުހާން
  • ދަރުމައަަށް މަސައްކަތް ކުރުމުގެ ދާއިރާ - އައިޝަތު ތޯއިފާ
  • ދިވެހި ބަހާއި ސަގާފަތަަށް ހިދުމަތް ކުރުމުގެ ދާއިރާ - އިއްޒަތު ނިޒާރު
  • ފަންނުވެރި ކަމުގެ ދާއިރާ - ނާޒިމް ހަސަން
  • ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުމުގެ ދާއިރާ - މަރިޔަމް ޝަހުދާ

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ 2019 ވަނަ އަހަރުގައެވެ.

އަދި އޮކްޓޫބަރު 22 އެއީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ކަނޑައެޅުއްވީ އެދުވަހަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިހާބުތަކުގައްޔާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގާއި އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގާއި އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީހީ ދުވަސްކަމުގައި ވާތީއެވެ