ގައުމީ ޒުވާނުންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޒުވާނުންނަށް ދެއްވި ޔަގީން ކަމަކީ ފުރުސަތު ނެތުމުގެ ޔަގީންކަން ކަމަަށް ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އިއްޔެ ފާހަގަކުރި ގައުމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ޒުވާނުންނަކީ ރާއްޖެ ކުރިއަށް ގެންދިއުމުގެ މައި އިންޖީނުގެ ގޮތުގައި ސިފަކުރައްވާ ރައީސް ސޯލިހު ވަނީ ޒުވާނުންގެ ގާބިލިއްޔަތު ގައުމަށް ހޯދައިނުމުގައި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ޒުވާނުންގެ ބަސް ހިމެނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ސަރުކާރުން ކުރާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދިވެހި ޒުވާނުންނަށް ދެއްވައިފަ އެވެ.
އޭގެ ފަހުން އިއްޔެ ހަވީރު ރައީސް ސޯލިހު ވަނީ ހެލްތް މިނިސްޓަރު ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް ހަމަޖައްސަވާފައެވެ. އިދިކޮޅުން ވަނީ ރައީސްގެ އެ ނިންމެވުމާއި ޒުވާނުންގެ ދުވަހާއި ގުޅިގެން ރައީސް ދެއްކެވި ވާހަކަފުޅާ ގުޅުވާ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އެއީ ޒުވާނުންގެ ދުވަހު ޒުވާނުންނަށް ކުރި މަލާމާތެއް ކަމަށް ސިފަކޮށްފައިވެއެވެ.
ހެލްތް މިނިސްޓަރު ކަމަށް ނަސީމް ހަމަޖެއްސެވި ކަމަށް ލިޔެފައިވާ ހަބަރަކާއެކު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ނަމުގައި "ޑިމޮކްރަޓިކް" ޖަހައިގެން ޕާޓީގެ ވެރިކަމުގައި ފެންނަނީ "ނެޕޮޓިސަމް" ކަމަށެވެ. ގައުމީ ޒުވާނުންގެ ދުވަހު ރައީސް ސޯލިހު ޒުވާނުންނަށް ދެއްވި ޔަގީން ކަމަކީ ފުރުސަތު ނެތް ކަމުގެ ޔަގީން ކަމަށްވެސް ވިދާޅުވިއެވެ.
"ގައުމު ބަގުރޫޓްކޮށް އަޅުވެތި ކޮށްފި. ޒުވާނުންގެ މުސްތަގްބަލެއް އޮންނާނީ ގައުމެއް އޮވެގެން،" ޝިޔާމް ވިދާޅުވިއެވެ.