ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޒުވާނުންނަށް ހާއްސަ ވަކި މިނިސްޓްރީއެއް އުފައްދާނަން: ރައީސް

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓްރީއަށް ބަދަލު ގެނެސް ޒުވާނުންނަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ޒުވާނުންގެ މިނިސްޓްރީ އަބަދުވެސް ހިންގަނީ އެ މިނިސްޓްރީގެ ތެރޭގައި ކުޅިވަރު މިނިސްޓްރީ ވެސް ހިމަނައިގެންނެވެ. އެގޮތަށް ދެ މިނިސްޓްރީއެއް އެއްކޮށްލައިގެން އެއް މިނިސްޓްރީއެއްގެ ގޮތުގައި ހިންގުމާ ގުޅިގެން ޒުވާނުންނަށް ދޭން ޖެހޭ ސަމާލުކަން އެންމެ ރަނގަޅަށް ނުދެވޭ ކަމަށް ބައެއް ޒުވާނުން ބުނެ އެވެ.

ޒުވާނުންގެ މިފަދަ ކަންބޮޑުވުންތަކާ ގުޅިގެން ނ. ލަންދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރެއްގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓްރީއަށް ބަދަލު ގެނެސް ޒުވާނުންނަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށެވެ. އަދި ޔޫތް ކޯ އެއް ގާއިމުކޮށް ޔޫތް ލީޑަރުން އުފައްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ހާމަކުރި ޒުވާނުންގެ ސިޔާސަތުގައިވެސް ޒުވާނުންނަށް ހާއްސަ މިނިސްޓްރީއެއްް އުފެއްދުމަށް ހުށަހަޅާފައިވެ އެވެ.

ރައީސް ސޯލިހް ވިދާޅުވީ ޒުވާނުންނަކީ މާދަމާ ގައުމު ހިންގަން ތިބި މީހުން ކަަމަށްވާއިރު އެ މީހުންނަށް ބަސްބުނުމުގެ ފުރުސަތުދީ ޒުވާނުންނާ ގުޅޭ ސިޔާސަތުތައް ހަދާއިރު އެ މީހުން ބައިވެރިކުރަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ތައުލީމު ހޯދަން ބޭނުންވާ ޒުވާނުންނަށް މިހާރު އެކަމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި، ވަޒީފާގެ މާހައުލަށް ޒުވާނުން ހޭލުންތެރިކުރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 500 އަށް ވުރެ ގިނަ ފުރުސަތު ފަހިކޮށްދެވިފައިވާއިރު ޕޮލިޓެކްނިކް އިން ޒުވާނުންނަށް 1،200 އަށް ވުރެ ގިނަ ފުރުސަތު ހޯދައިދީފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މި ދައުރުގައި 20،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް ތަފާސްހިސާބު ތަކުން ދައްކާ ކަމަށާއި ވިޔަފާރިކުރަން ބޭނުންވާ ގިނަ ޒުވާނުންތަކަކަށް ލޯން ދޫކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ރަށްތަކުގައި ކުޅިވަރުގެ އެކި ދާއިރާތަކަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް މިހާރު ގާއިމުކޮށްދެވިއްޖެ ކަމަށެވެ. އަދި ކުޅިވަރު ކުޅޭ ޒުވާނުންނަށް ސިޓީ ތަކުގައި ސްޕޯޓްސް ކޮމްޕްލެކްސް ހަދައިދީ، ޔޫތް ސެންޓަރުތަކުގައި ވަސީލަތްތައް އިތުރުކޮށް ޒުވާނުންގެ މެދުގައި މިހާރު މަގުބޫލު ވެފައިވާ، އީ-ސްޕޯޓްސް، މާޝަލް އާޓްސް، ކައިޓް ސާފިން، ރޭސިން، ސްކޭޓިން އަދި ޕާކޯ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ވެސް ބައެއް ރަށްތަކުގައި ގާއިމުކުރެވިއްޖެ ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން މޫދު ކުޅިވަރުތައް ކުރިއަރުވަން އިސްކަންދިނުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރާއްޖެއިން ބޭރުގައި މަސައްކަތް ކުރާ ރާއްޖޭގެ ފަންނުވެރިންނަށް ރާއްޖެ އައިސް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.