ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެ ރަނގަޅަށް ކުރެވުނީ ތައުލީމީ ދާއިރާގެ މަސައްކަތްތައް: ރައީސް

ހިނގަމުން މިދާ ވެރިކަމުގެ ތެރޭގައި އެންމެ ރަނގަޅަށް ތަންފީޒު ކުރެވުނީ ތައުލީމީ ދާއިރާގައި ހުރި މަސައްކަތްތައް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނ. ހޮޅުދޫގައި މިއަދު އޮތް ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މިދިޔަ ފަސް އަހަރު އެންމެ ރަނގަޅަށް ތަންފީޒު ކުރެވުނީ ތައުލީމީ ދާއިރާގައި ކުރަން ހުރި މަސައްކަތްތައް ކަމަށެވެ.

ރައީސް އެންމެ ބޮޑަށް ފާހަގަކުރެއްވީ ފްރީ ޑިގްރީ ތައާރަފްކޮށް މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އެންމެނަށް ހުޅުވާލެވިގެން ދިއުމެވެ.

ރައީސް ސޯލިހް ވިދާޅުވީ ތައުލީމު ދާއިރާ ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގައި ދެވަނަ ދައުރެއްގައި އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދެވޭނެ ގޮތް ހެދުން ކަމަށެވެ.

ހޮޅުދޫ އަކީ ކުރިން އެމްޑީޕީއަށް އެހާ ތާއީދު ބޮޑު ރަށެއް ނޫން ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ނަމަވެސް އެމަނިކުފާނު މިއަދު ވިދާޅުވީ މިސަރުކާރުން ކޮށްދިން މަސައްކަތްތައް ރައްޔިތުން ބަލައިގެންފި ކަމަށާއި ރައްޔިތުންގެ ފަރާތުން މިއަދު ލިބުނު މަރުހަބާއިން އެކަން އެނގޭ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ހޮޅުދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ހޮޅުދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ހުޅުމީދޫގައި އަސާސީ ހިދުމަތްތައް ގާއިމުކޮށްދީ އެރަށުގައި މީހުން އާބާދުކުރެވޭނެ ގޮތް ހަދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މީގެއިތުރުން ޒުވާނުން ބޭނުންވާ ފަދަ ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސް އެއް އަޅައިދީ ޒަމާނީ ހުކުރު މިސްކިތެއް ހޮޅުދޫގައި އަޅައިދިނުމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ހޮޅުދޫ އަކީ ތައުލީމީ ޖީލެއް ބިނާކުރުމުގައި މަޝްހޫރު ރަށެއް ކަމަށެވެ. އަދި ހޮޅުދޫ ރައްޔިތުންނަކީ ހަމަޖެހުމާއި ސުލްހައަށް ލޯބިކުރާ ރައްޔިތުންތަކެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.