ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ވައުދުވުމަށްފަހު އެ ވައުދުތައް ފުއްދައިދެވިފައި ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ނ. މިލަދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ވައުދު ވުމަށްފަހު އެ ވައުދުތައް ފުރިހަމަކޮށްދީފައި ނެތް ކަމަށެވެ. އާބާދީ ބޮޑު ދެތިން ރަށަކަށް އަމާޒުކޮށްގެން ކޮށްދިން ކަމެއް ނޫނީ ކުރީގެ ސަރުކާރު ތަކުގައި ކޮށްފައި ބެތް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯއާ އެކު އޭރު އެމަނިކުފާނު ނިކުންނެވީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދީފައި ނުވާތީ އެކަންކަން ފުރިހަމަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އެ މެނިފެސްޓޯގެ ދަށުން މިހާރު 148 ރަށެއްގެ ނަރުދަމާ އެޅި، 150 ރަށުގެ އިންޖީނުގެ އައު ކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި 125 ރަށަށް ވުރެ ގިނަ ރަށުގައި ބަނދަރު އެޅި، ޖުމުލަ 1500 އަށް ވުރެ ގިނަ ކުލާސްރޫމް އެކި ރަށްރަށުގެ ސްކޫލް ތަކަށް އިތުރު ކުރެވި، 80 އަށް ވުރެ ގިނަ މަލްޓި ޕާޕަސް ހޯލް އެޅިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
"މިހާރު އެޅިފައިވާ ބިންގަލުގެ މަތީގައި ކުރިއަށް ދެވިއްޖެނަމަ އުފާވެރި އަމާން ރާއްޖެއެއް ފެންނާނެ" އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕޭންގައި ގެންގުޅުއްވާ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯއާ ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކުރެވިފައިވާތީ ރައްޔިތުންނަށް މިހާރު ރަށްތަކުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަކީ ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށެވެ.
ރިޔާސީ ދެވަނަ ދައުރެއްގައި މިލަދޫއަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓް ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެރަށުގެ ދެކުނު ސަރަހައްދުގެ ގިރާ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމާއި، ރަށުގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަކަށް ހަދައިދޭނެ ކަމަށެވެ. އަދި ޒުވާނުންނަށް ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދޭނެ ކަމަށާއި، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ފްލެޓް ނުވަތަ ރޯހައުސް އަޅައިދޭނެ ކަމަށެވެ.
ރައީސް މިއަދު މިލަދޫއަށް ކުރެއްވި ދަތުރުފުޅަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ހަމައަށް މިލަދޫ އަށް ކުރެއްވި ފަސްވަނަ ދަތުރެވެ. މިއިން ކޮންމެ ފަހަރަކު މިލަދޫ އިން ލިބޭ ތަރުހީބަށް ބަލާއިރު ކުރިއަށް އޮތް އިންތިހާބުގައި އެމަނިކުފާނަށް ބޮޑު އަގުލަބިއްޔަތެއް ލިބުމަށްބ އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.