ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ މަންޒަރު ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ނ. މަގޫދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ އަސާސީ ތަރައްގީގެ އިތުރުން އިގްތިސާދީ ތަރައްގީވެސް ރައްޔިތުންނާ ހަމައަށް މިސަރުކާރުން ގެނެސްދޭނެ ކަމަށެވެ. މަގޫދޫ އަކީ މިހާރު ފަތުރުވެރިކަމަށް ފައްކާވެފައިވާ ރަށަކަށް ވެފައިވާއިރު ، އެރަށުގެ ވިޔަފާރިވެރިން އިންވެސްޓް ކުރުމަށް ތައްޔާރުވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކަމެއް ކޮށްދިނިއްޔާ ކޮށްދިނީ ހަމައެކަނި އިންތިހާބުތަކާ ދިމާކޮށް އެކަނި ކަމަށާއި އެވަރުކަމެއްވެސް ކޮށްދިނީ ހަމައެކަނި ބޮޑެތި އަބާދީ ތަކަށް އެކަނި ކަމަށެވެ.
މީގެ 15 ވަރަކަށް އަހަރު އިންތިހާބެއް އެމަނިކުފާނު މަގޫދޫ އަށް ވަޑައިގެންނެވުމުން ވެސް އަދި މިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު މަގޫދޫ ވަޑައިގެންނެވުމުން ވެސް ރައްޔިތުން އެންމެ ބޮޑަށް އެދުނީ ސަރުކާރުގެ ހަރަދުގައި އެރަށުގައި މިސްކިތެއް އަޅައިދިނުމަށް ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެކަން މިވެރިކަމުގައި ހަގީގަތަކަށް ހަދައިދީފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މިލަދޫގެ ތަރައްގީއަށް 10 މަޝްރޫއެއް ހިންގާނެ ކަމުގައިވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އެގޮތުން ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެރަށުން ދޫކޮށްފައިވާ ގޯތިތަކުގައި ގެދޮރު އަޅުމަށް ހައުސިން ލޯން ނެގޭ މިންވަރު އިތުރު ކޮށްދިނުމާއި، ސްކޫލްގައި މަލްޓި ޕާޕޯސް ހޯލެއް އަޅައިދިނުމާއި، ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރުކޮށްދީ އެކްސްޓެންޝަން އިމާރާތެއް އަޅައިދީ ލެބޯޓަރީގެ ހިދުމަތް ގާއިމުކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި މަގޫދޫގެ ރައްޔިތުން ޕިކްނިކް ދިއުމަށްޓަކައި ހާއްސަ ސަރަހައްދެއް ހަދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ވަކި ފަރުދެއް ތަފާތުނުކޮށް ކަންކަން ކޮށްދޭން އޮތް ސަރުކާރެއް އޮއްވާ އެހެން ބައެއްގެ ކައިރިއަށް ނުދާނެކަން އަޅުގަނޑަށް ކަށަވަރު" ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކުދި އާބާދީތަކަށް މިސަރުކާރުގައި ކަންކަން ކޮށްދެމުން އަންނައިރު ބޮޑެތި އާބާދީތައް މަތިންވެސް އެއްވެސް އިރަކު ހަނދާން ނައްތާލާފައި ނުވާނެ ކަމަށެވެ.