އެހެން ކެންޑީޑޭޓުން ރައްޔިތުންގެ ކުރިމައްޗައް އައުމަށްފަހު ވައުދުވުމަށް އިތުރު ކަމެއް ދެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދ. ހުޅުދެލީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ނުވާނެއޭ ބުނެ މީހުން ފާޑުކިޔައި އުޅުނު އެތައް ކަމެއް މިހާރު ވާނީ ކޮށް ނިންމާފައި ކަމަށެވެ. އަދި މިސަރުކާރަކީ މިހާތަނަށް އެންމެ ކާމިޔާބު ސަރުކާރު ކަމަށާއި ރައްޔިތުން ބޭނުންވެ އެދުނު ހުރިހާ ކަމެއް ކޮށްދީ ކަންކަން ހަމަޖައްސައިދެމުންދާ ކަމަށް ވިދާޅުވި އެވެ.
"ތިބޭފުޅުންގެ ކުރިމަތީގައި ދެން ކެންޑިޑޭޓަކު އައިސް ވާނީ ކޮން ވައުދެއްތޯ އަޅުގަނޑު އެބަ ހިތަށް އަރާ. ކުރީގަ ވެއްޖެޔާ އައިސް ބުނާނެ ސްކޯލަޝިޕް ދޭނަމޭ. ދަރިފުޅަށް ކިޔަވާ ދޭނަމޭ. ބަނދަރު ހަދައިދޭނަމޭ. އިންޖީނުގެ އަޅައިދޭނަމޭ. ސްކޫލުގެ ކުލާސްރޫމްތައް ހަދައިދޭނަމޭ. މިއަދަކު އެ ވައުދެއް ވިޔަސް އެއީ އަޅުގަނޑު ދަންނަވާނީ ކުރެވޭނެ ކަމެއް ނޫން އެ ބޭފުޅުންނަށް. އަޅުގަނޑުމެން މިދަނީ އެކަންތައްތައް ކޮށްދެމުން،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަމަވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ހަމައެކަނި ކޯލިޝަނެއްގެ ގޮތުގައި ނިކުމެ ތިބީ އެމްޑީޕީން ކަމަށެވެ. އެހެން ކެންޑިޑޭޓުންވެސް އެހެން ޕާޓީ ތަކުގެ ތާއީދު ހޯދުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެބޭފުޅުންނަށް އެކަން ކާމިޔާބުވާ ގޮތް ނުވި ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
"އިންތިހާބަށް ފެށި އިރުގައި ސިޔާސީ މާހައުލު އޮތް ގޮތް ވަރަށް ރަނގަޅަށް އެބަ އެނގޭ. އެހެން އެއްވެސް ކެނޑިޑޭޓަކަށް އެކީގައި ބައިވެރިވެ އިންތިހާބަށް ނިކުމެލާނެ މީހަކު ނުވި،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 80،000 މެމްބަރުންގެ ކޯލިޝަނަކާ އެކު މި ފަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ނިކުންނަވަނީ ރާއްޖޭގައި މިހާތަނަށް އިންތިހާބެއްގައި އެކުލަވާލެވުނު އެންމެ ބޮޑު ކޯލިޝަނާ އެކުގައި ކަމަށެވެ. ކޯލިޝަންގެ ހުރިހާ ބޭފުޅުންގެ އަޒުމަކީވެސް ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ހިދުމަތްކުރުން ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމު މުހައްމަދު އަމިއްލަ ހައިސިއްޔަތުން މީދޫ ދާއިރާގެ ރައްޔިތުންނަށް ކޮށްދެއްވާފައި ހުރި މަސައްކަތްތައް ވަރަށް ބޮޑަށް ފާހަހަގަކުރައްވާ ސިޔާމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިހާރު ސިޔާމު، އެމްޑީޕީގެ ކޯލިޝަނާއި އެކު އެ ހުންނެވީ މި ސަރުކާރުން ރައްޔިތުންނަށްޓަކައި އެތައް ކަމެއް ކޮށްދީފައިވާކަން ގަބޫލުކުރައްވާތީ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.
"މީގެ ކުރިންވެސް އަޅުގަނޑުމެން ތިބިން. އެހެންނަމަވެސް މިއަދު ގައިމުވެސް ގަބޫލުކުރެވޭ ކޮންމެވެސް ކަންތައްތަކެއް މި ސަރުކާރަށް އަޅުގަނޑުގެ ފަރާތުން ކޮށްދެވިފައި އޮތް ކަމާއި އަދި ކޮށްދޭނެ ކަމުގެ ޔަގީންކަން ސިޔާމަށް އޮތީމަ އަޅުގަނޑުމެންނާއެކު މިއަދު ނިކުމެވަޑައިން އެ ހުންނެވީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި 25 އަހަރުގެ ތެރޭގައި ސިޔާމާ އެކީގައި މަޖިލީހުގައި ގިނަ ވަގުތުތަކެއް އެކުގައި ހޭދަކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. ބައެއް ކަންކަމުގައި ހުންނަ ހިޔާލު ތަފާތުވުންތަކާ އެކީގައިވެސް އޭރުވެސް ސިޔާމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރުމުގައި އެއްބާރުލުން ދެއްވި ބޭފުޅެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"ކިތަންމެ ފަހަރަކު އޭރު އަޅުގަނޑުމެން އޭރު މައިނޯރިޓީ ޕާޓީއެއް ގޮތުގައި އޮތް އިރުގައިވެސް ބަޖެޓު ފާސްކޮށް އަދި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ނިންމަންވީމަ ސިޔާމާއި އަޅުގަނޑުމެން ގުޅާލީމަ ވަގުތުން އައިސް އެއަށް ތާއީދު ކުރައްވާ. ގައުމީ ވިސްނުމެއްގައި އަބަދުވެސް މަސައްކަތް ކުރެއްވި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިހާބު ވެއްޖެނަމަ އެންމެ ގިނަ މަސައްކަތްތައް ކުރުމަށް ލިސްޓު ކުރެވިފައި އޮތް އެއް ރަށަކީ ދ. ހުޅުދެލި ކަމަށެވެ. އެގޮތުން ޒުވާނުންނަށް ކޮމިއުނިޓީ ސެންޓަރެއް ހެދުމާއި، އޭޓީއެމް މެޝިނެއް ބެހެއްޓުމާއި، އާ ކައުންސިލް އިދާރާ އިމާރާތްކުރުން ހިމެނެ އެވެ. މީގެ އިތުރުން އެ ރަށުގެ މަސްވެރިންނަށް ސްޕޯޓްސް ކަނދުފައްޗެއް އެ ރަށާ ކައިރީގައި އަޅައިދިނުމާއި ރައްޔިތުން ބޭނުންވާ އައިސް ޕްލާންޓު ހަދައިދިނުން ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.
ހުޅުދެލީގެ ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުމާއި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ ރަށުގެ ބިން ބޮޑުކޮށްދިނުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.
"އަޅުގަނޑު ހިތުން 12 ޕްރޮޖެކްޓު މި ރަށަށް އެބައޮތް،" ރައީސް ވިދާޅުވި އެވެ.