ހަބަރު

މުސްތަގުބަލު ބިނާކުރާއިރު ޒުވާނުންގެ ބަސް ހިމަނާނެ: ރައީސް

Oct 22, 2020

ގައުމުގެ މުސްތަގުބަލު ބިނާކުރާއިރު، ޒުވާނުންގެ ބަސް ހިމަނާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

މިއަދު ފާހަގަކުރާ ޒުވާނުންގެ ދުވަހާ ގުޅިގެން، ޒުވާނުންނަށް ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ރައީސް ވަނީ ޒުވާނުންނަކީ ރާއްޖެ ކުރިއަށް ގެންދިއުމުގެ މައި އިންޖީނުގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ޒުވާނުންގެ ގާބިލިއްޔަތު ގައުމަށް ހޯދައިނުމުގައި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ޒުވާނުންގެ ބަސް ހިމެނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

އަދި އެކަން ސަރުކާރުން ކުރާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު މިއަދު ވަނީ ދިވެހި ޒުވާނުންނަށް ދެއްވައިފަ އެވެ.

އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހަކީ، ރާއްޖޭގައި ފާހަގަ ކުރާ ޒުވާނުންގެ ދުވަހެވެ.

ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު، ޒުވާނުންނަށް ސަރުކާރުން ކޮށްދިން މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްވެސް ވަނީ ވިދާޅުވެފަ އެވެ.