މިނިސްޓްރީ އޮފް ހެލްތު

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހާއްސަ ބައްދަލުވުމުގައި ނަސީމު ބައިވެރިވެވަޑައިގަންނަވަނީ

Nov 29, 2021
1

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯ އިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ސްޕެޝަލް ސެޝަން މިއަދު ފަށައިފި އެވެ.

މިއީ ޑަބްލިއުއެޗްއޯ އިން މިގޮތަށް ބާއްވާ ސްޕެޝަލް ސެޝަންގެ ދެވަނަ ބައްދަލުވުމެވެ. އަދި ކޮވިޑް-19ގެ ހާލަތާ ގުޅިގެން ވާޗުއަލްކޮށް ބާއްވަމުން އަންނަ ވޯލްޑް ހެލްތު އެސެމްބްލީ ހައިބްރިޑްކޮށް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ސިއްހީގޮތުން ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ގައުމުތައް ތައްޔާރުވުމަށާއި މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ މައްޗަށް މުއާހަދާއެއް ފަދަ ބައިނަލްއަގްވާމީ އެއްބަސްވުމެއް އެކުލަވާލުމެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވާ ވަފްދުގައި އިސްކޮށް ހުންނެވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އިސްވެރިންނާއި، ސިއްހީ މާހިރުންނާއި، އެހީދޭ ޖަމިއްޔާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މިބައްދަލުވުމުގައި މިނިސްޓަރު ނަސީމް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. މިނިސްޓަރުގެ އިތުރުން ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސާމިޔާ އާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި ހެލްތު މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވަނެ އެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 74 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކޮށް އެކުލަވާލި "ވޯކިން ގްރޫޕް އޮން ސްޓްރެންތްނިން ޑަބްލިއުއެޗްއޯ ޕްރިޕެއާޑްނެސް އެންޑް ރެސްޕޯންސް ޓު ހެލްތު އެމަޖެންސީ" ގްރޫޕް ބައްދަލުވުންތަކުން ތައްޔާރުކުރި ރިޕޯޓަށް ބިނާކޮށް، ގައުމުތަކުގެ މެދުގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވެ، އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމަށްޓަކައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މުއާހަދާއެއް، އެގްރީމެންޓެއް ނުވަތަ ބައިނަލްއަގްވާމީ އެއްބަސްވުމެއް ގާއިމުކުރުމާ މެދު ގައުމުތަކުން މަޝްވަރާކުރެވި، ކުރިއަށް ދާނެ ގޮތްތަކެއް ނިންމާނެ އެވެ. އަދި މި ނިންމުންތަކަށް އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް އަންނަ އަހަރު ބާއްވާ އެކްޒެކެޓިވް ބޯޑް އަދި ވާލްޑް ހެލްތު އެސެމްބްލީއަށް ހުށަހަޅާނެ އެވެ.