މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް

ހޮސްޕިޓަލްތަކަށް ތަކެތި ގަތުމަށް އޯޑަރު ނުކުރާތީ ތަން ހުއްޓިދާނެ: ފިރުޒުލް

ރާއްޖޭގެ ހޮސްޕިޓަލްތަކަށް ކޮންމެހެން ބޭނުންވާ ތަކެއްޗަށް އޯޑަރުކޮށްފައި ނުވާތީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ހޮސްޕިޓަލްތަކުގެ މަސައްކަތް ހުއްޓީދާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ފިރުޒުލް ބާއްވަވަމުން ގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ހިއްސާކުރެއްވީ ސިއްހީ ދާއިރާގައި ހުރި ކަންބޮޑުވާ މައްސަލަތަކާ ގުޅޭގޮތުންނެވެ.

ރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ތަކެތި އޯޑަރު ކުރުމުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތް ހިއްސާކުރައްވަމުން ފިރުޒުލް ވިދާޅުވީ ހޮސްޕިޓަލްތަކަށް ބޭނުންވާ ތަކެތި އާންމުކޮށް ގަންނަނީ ގަނޑުކޮށް އަހަރަކު ދެ ފަހަރު ކަމަށެވެ. އެގޮތުން މިއަހަރުގެ ފަހު ހަމަހަށް ބޭނުންވާ ސާމާނު ގަތުމަށް އަދިވެސް އޯޑަރު ކޮށްފައި ނުވާ ކަމަށާއި ބައެއް ހޮސްޕިޓަލްތަކުގައި މިހާރު ބޭނުންކުރަނި ކުއްލި ހާލަތްތަކުގައި ބޭނުންކުރަން ހުރި ތަކެތި ކަމުގައިވެސް ވިދާޅުވި އެވެ.

"މިހާލަތު މިގޮތަށް ދެމިގެން ހިނގައްޖެ ކަަމަށްވާނަމަ ނޮވެމްބަރު މަހާ ހަމައަށް އަންނައިރު ނުވަތަ ނޮވެމްބަރު މަހުގެ މެދަކާ ހަމައަށް އަންނައިރު، މިހޮސްޕިޓްލަތަކާއި ހެލްތު ސެންޓާތަކުން ދެމުން ގެންދާ ވަރަށް ގިނަ ޚިދުމަތްތައް އެކީ އެކައްޗަކަށް ހުއްޓުމަކަށް އައުމަކީ އެކަށިގެންވާ ކަމެއް. އެ ކަންބޮޑުވުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަވެފައި އެބައޮތް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޯޑަރު ނުކޮށް ހުރި ތަކެއްޗަކީ އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލާލަން ޖެހޭ ތަކެތި ކަމަށެވެ. މިފަދަ ތަކެތި ހޮސްޕިޓަލްތަކުން ހުސްވަމުންދާތީ ކަންބޮޑުވާ ކަމަށާއި ތަކެތި ނުލިބުމަކީ ހޮސްޕިޓަލްތައް ހުއްޓިގެންދާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ. ހޮސްޕިޓަލްތަކަށް ތަކެތި ގަތުމަށް ދަތިވެފައިވަނީ ބަޖެޓު ލިބިފައި ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލް -- އައިޖީއެމްއެޗްގައި ވަކި ހާއްސަ ބަލިތަކަކަށް ފަރުވާ ދިނުމަށް ހަދާފައިވާ ދެ ސެންޓަރަކުން ބޭރުގެ ދެ ކުންފުންޏަކުން ގަނެފައިވާ ތަކެއްޗަށް ދައްކަންޖެހޭ 5.3 މިލިއަން ޑޮލަރު ނުދައްކާ އޮތް ކަމަށެވެ. އެއީ އައިޖީއެމްއެޗްގެ ހިތުގެ ބަލީގެ ސެންޓަރާއި ނާވް ސެންޓަރުން ހޯދާފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ ބިލެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެ ކުންފުނިތަކުން ނުވަތަ ހޮސްޕިޓަލްތަކުން ފޯރުކޮށްދީފައިވާ އެކިއެކި ކޮންސިއުމެބަލްސްއާ ގުޅޭ ބިލްތައް،" ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިޖީއެމްއެޗަށް ވެސް އަހަރުގެ ބާކީ ބަޔަށް އޮތް ބަޖެޓަކީ ހަމައެކަނި މުވައްޒަފުންގެ މުސާރައަށް އޮތް ބަޖެޓް ކަމަށެވެ. އެހެންވެ އެތަނުގެ މަރާމާތާއި މެޝިނަރީތައް މަރާމަތު ނުކުރެވި ތަން ހުއްޓިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.

މިސަރުކާރުގައި ރާއްޖޭގެ ހޮސްޕިޓަލްތައް ހިންގުމަށް ކުންފުނިތަކެއް ހަދައި އެ ތަންތަނުގެ ދަށަށް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ބަދަލުކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ މާބޮޑު ދައުރެއް އަދި މިނިސްޓްރީ ޖަވާބުދާރީވާން ނުޖެހޭ ގޮތަށް ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ. އެގޮތަށް އެކަން ކޮށްފައިވާތީ ގާނޫނީ މައްސަލަތަކެއްވެސް ދިމާވާ ކަމަށާއި އަދި އެއް ފަރެއްގެ ހޮސްޕިޓަލްތަކަކުން ދޭ ހިދުމަތުގައި ތަފާތުތައް ހުންނަ ކަމުގައިވެސް ވިދާޅުވި އެވެ. އެހެންވެ އެއީ ކަންބޮޑުވާ މައްސަލައެއް ކަމުގައި ވިދާޅުވި އެވެ.