މިނިސްޓްރީ އޮފް ހެލްތު

ސިޒޭރިއަނަށް ފަހު ބަނޑުގައި ފޮތިގަނޑު އޮތް މައްސަލަނީ

ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި ފަހުން އަންހެނެއްގެ ބަނޑުން ފޮތިގަނޑެއް ފެނުނު މައްސަލައެއް ހެލްތް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަވަސް އަށް ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުން ދެމަސް ފަހުން ފޮތިގަނޑެއް ފެނުނު މައްސަލަ ބަލަމުންދާ ކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ވެސް މައްސަލަ ހެލްތު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މި މައްސަލައާ ގުޅޭ ތަފްސީލީ ލިޔެކިޔުންތައް އައިޖީއެމްއެޗަށް ފޮނުވުމަށް ފުވައްމުލަކު ހޮސްޕިޓަލަށް އަންގާފައިވާނެ. މިމަމައްސަލަ ބަލައި، އިހުމާލުވި ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ދިމާވެފައިވަނީ 29 އަހަރުގެ އަންހެނަކަށެވެ.

އެ މީހާގެ ބަނޑުގައި ފޮތިގަނޑެއް އޮތްކަން އެނގުނީ ބަނޑުގައި ރިއްސާތީ ފުވައްމުލަކު ހޮސްޕިޓަލުން ބެލުމަށްފަހުވެސް ރިހުން ނުކެނޑޭތީ އައިޖީއެމްއެޗަށް ދެއްކުމުންނެވެ.

އައިޖީއެމްއެޗުން އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގޮހޮރުގައި ފާރުހުރި ކަމަށް ބުނެ އެެވެ. އަދި އެންޓިބަޔޮޓިކް ދީފައި ފުރަތަމަ ގެއަށް ފޮނުވާލީ އެވެ. ނަމަވެސް ރިހުން ނުކެނޑުމުން ފަހުން އިތުރު ޓެސްޓްތަކެއް ހެދުމަށްފަހު އޮޕަރޭޝަން ކުރީ އެވެ. އެ އޮޕަރޭޝަންގައި ފޮތިގަނޑު ފެނިފައިވާއިރު، އެފޮތިގަނޑުގެ ބައެއް ގޮހޮރުގައި ތަތްލަވާ ގޮހޮރުން ތަންކޮޅެއް ފޫގޮސްފައިވުމުން ގޮހޮރުން ތަންކޮޅެއް ވެސް ބުރިކޮށްލާފައިވެ އެވެ.