ޑެންގީ

ޑެންގީއަށް ސަމާލުވޭ، ހަ ކުއްޖަކު އެޑްމިޓްކޮށްގެން ހޮސްޕިޓަލްގައި ފަރުވާ ދެނީ

ޑެންގީ ޖެހިގެން އައިޖީއެމްއެޗްގައި ހަ ކުޑަކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަދިރި ވަރަށް ގިނަ ވެއްޖެ ކަމަށެވެ. އަދި މަދިރީގެ ޒަރީއާ އިން ޖެހޭ ބައްޔެއް ކަމަށްވާ ޑެންޖީ ޖެހިގެން އައިޖީއެމްއެޗްގައި ހަ ކުޑަކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

"ބައެއް ކުޑަކުދިންނަށް ލޭވެސް އަޅަންޖެހޭ. މިއީ ފުރާނައަށް ނުރައްކާވާ ބައްޔެއްކަން ހަނދާން ނައްތާ ނުލާތި. މަދިރިން ރައްކާތެރިވެލައްވާ،" ޑރ. ފައިސަލް ވިދާޅުވެފައި އެވެ.

ޗިކުން ގުންޔާއާ ޑެންގީ ހުން މިދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާތީ ބަލިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ގެންދަނީ އިލްތިމާސް ކުރަމުންނެވެ.

ރާއްޖެއަށް ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްތައް ކަމަށްވާތީ މަދިރީގެ ޒަރީއާ އިން ޖެހޭ ބަލިތައް އިތުރުވާނެތީވެ މަދިރި އުފެދޭ ތަންތަން ނައްތާލައި މަދިރިން ސަލާމަތްވެ ތިބުމަށް އެޗްޕީއޭ ވަނީ ވަކިން ބޮޑަށް އިލްތިމާސްކޮށްފަ އެވެ.

ޑެންގީ ފެތުރެނީ މިބަލި ޖެހިފައިވާ މީހެއްގެ ގައިގައި މި ބަލި ފަތުރާ އީޑީޒް މަދިރި ހެފުމަށްފަހު އެ މަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުން އެމީހާގެ ހަށިގަނޑަށް ބަލީގެ ވައިރަސް ފޯރައިގެންނެވެ.