އެޗްޕީއޭ

ފެތުރެމުންދަނީ ނޯރޯވައިރަސްގެ ރޯގާ: އެޗްޕީއޭ

މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ -- އެޗްޕީއޭ އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށާއި ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

މި ރޯގާއިން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނިލައިގެން ގިނަގިނައިން އަތް ދޮވުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދުދީފަ އެވެ. ނަމަވެސް ހޭންޑް ސެނިޓައިޒާ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ހޮޑު އަދި ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

އެގޮތުން އެތަނެއް ޓިޝޫ ނުވަތަ ޕޭޕާ ޓަވަލްއިން ސާފުކޮށް ރައްކާތެރި ގޮތުގައި އެތަކެތި އުކާލުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދުދީފަ އެވެ. އެއަށްފަހު އެތަނަށް ބްލީޗް އަޅާފައި ފަސް މިނެޓް ބެހެއްޓުމަށްފަހު ބްލީޗް ސާފުކޮށް ސައިބޯނި ނުވަތަ ދޮންނަ ސޮލިއުޝަނެއް ލައިގެން އެތަނެއް ސާފުކުރުމަށްވެސް ވަނީ އެދިފަ އެވެ.

ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ބަލީގެ އަލާމަތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުމަށާއި މީހުން ގިނަ ތަންތަނަށް ނުދިއުމަށް އެ އޮތޯރިޓީން އެދިފައިވެ އެވެ.

މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިވާއިރު މި ރޯގާގެ ސަބަބުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ.

އެގޮތުން އައިޖީއެމްއެޗާއި އޭޑީކޭއާށް ދައްކާ ކުދިންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކުގެ އެމެޖެންސީ ރޫމް ފުރިފައިވާތީ ފަރުވާ ދިނުމަށް ހާއްސަ އިންތިޒާމުތަކެއް ދަނީ ހަމަޖައްސަމުންނެވެ.