ސިއްހަތު

އަނެއްކާވެސް "މިސްކް"ގެ އާ ކޭސްތަކެއް ފެނިއްޖެ

Jan 25, 2022

ކޮވިޑް ޖެހުމަށްފަހު ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ މަލްޓި ސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމްއިން ޗިލްޑްރެން (މިސްކް)ގެ ކޭސްތައް އަނެއްކާ ވެސް ރާއްޖެ އިން ފެނިއްޖެ އެވެ.

މިސްކް ޖެހިފައިވާ ކުޑަކުދިން ތަކަކަށް ފަރުވާ ދެމުންދާ ކަމަށް ހާމަކުރެއްވީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް އެވެ.

ޑރ. ފައިސަލް މިއަދު ވިދާޅުވީ ރަށަކުން މާލެ ގެނައި ކުއްޖަކަށް މިދިޔަ މަހު ކޮވިޑް ޖެހުމަށްފަހު ހުންއައިސް ހޮޑުލެވި ބަނޑުދިޔާވުން ފަދަ މައްސަލަ ތަކެއް ދިމާވެގެން މީގެ ހަތަރު ދުވަސް ކުރިން ފަރުވާ ދިން ކަމަށެވެ. ލޭގެ ޕްރެޝަރު ދައްވުމުގެ މައްސަލަ ވެސް އެ ކުއްޖާ އަށް ކުރިމަތި ކަމަށް ވިދާޅުވި އެެވެ.

ޑރ. ފައިސަލް އިތުރަށް ވިދާޅުވީ މިސްކްގެ އަލާމާތްތަކެއް ހުރެގެން ތިން ކުއްޖަކަށް މިހާރު ވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

މިސްކްގެ އަލާމާތްތައް

  • ކިޑްނީއާއި ސިކުނޑިއާއި ލޮލާއި ހިތް ފަދަ ގުނަވަންތައް ދުޅަވުން
  • އަތާއިފައި އަދި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތައް ރަތްވުން
  • ހަށިގަނޑުގެ އެކި ހިސާބުގައި ބިހި ނެގުމާއި ލޯ ރަތްވުން
  • 39-40 ޑިގްރީން މައްޗަށް ހުން ގަދަވުން
  • ގަދަޔަށް ކަރުގައި ރިއްސުން
  • އަތާފައި ދުޅަވެ ހަންފޮޅުން
  • ލޭގެ ޕްރެޝަރ ދައްވުން
  • ބަނޑުގައި ރިއްސުން
  • އުކުޅުވަޅަށް ތަދުވުން
  • ބޭރަށް ހިންގުން

އުމުރުން ތިން އަހަރާއި ދިހަ އަހަރާ ދެމެދުގެ ކުޑަކުދިންނަށް އާންމު ގޮތެއްގައި މި ބަލި ޖެހެނީ ކޮވިޑް ބަލިން ސަލާމާތްވާތާ ދެ ހަފްތާއެއް ފަހުން ހަށިގަނޑުގެ ކޮންމެވެސް ދެ ގުނަވަނެއް ޝާމިލުވެގެން ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

މިސްކުން ސަލާމަތްވުމަށްޓަކައި ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށާއި ބަލީގެ އަލާމަތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސިއްހީ މާހިރުން ގެންދަވަނީ އިރުޝާދު ދެއްވަމުންނެވެ.