އެޗްޕީއޭ

ޑެންގީ ޖެހިގެން 660 މީހަކު ރިޕޯޓްކުރި: އެޗްޕީއޭ

ޑެންގީ ޖެހިގެން މިއަހަރުގެ މިހާތަނަށް 660 މީހަކު ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮރޯރިޓީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން މިއަހަރުގެ ޖެނުއަރީން ފެށިގެން މިހިނގާ މެއި މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ޑެންގީ އާއި ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފާސްހިސާބު ހާމަކޮށްފަ އެވެ.

އެޗްޕީއޭގެ މައުލޫމާތުތަކަށް އެނގޭ ގޮތުގައި އެންމެ ގިނަ ބަޔަކު ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.

ޑެންގީ ކޭސްތައް އިތުރުވާން ފަށާފައިވަނީ މިއަހަރުގެ 14 ވަނަ ހަފްތާ އިން ފެށިގެންނެވެ. އަދި 83 ކޭސްއާ އެކު އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ މިއަހަރުގެ 17 ވަނަ ހަފްތާ ގައެވެ.

ވަކިވަކި މައްސަލަތަކަށް ބަލާއިރު ޑެންގީ ޖެހިގެން އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ މިދިޔަ އޭޕްރީ މަހުގެ ތެރޭގައެވެ. އެ މަހުގެ ތެރޭގައި 239 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. ޖެނުއަރީގައި 146 ކޭސް، ފެބްރުއަރީގައި 116 ކޭސް އަދި މާޗްގައި 119 ކޭސް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ހިނގަމުން މިދާ މެއި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ފުރަތަމަ ހަތަރު ދުވަހު އެކަނިވެސް ޑެންގީ ޖެހިގެން 40 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

ވަކިވަކި އަތޮޅުތަކާއި ސިޓީތަކަށް ބަލާއިރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ހުޅުމާލެ އިންނެވެ. އެއީ 142 ކޭސް އެވެ. މާލެ އިން 47 ކޭސް ރިޕޯޓްކޮށްފައިވާއިރު ކ. އަތޮޅުން 32 ކޭސް، ހދ. އަތޮޅުން 11 ކޭސް އަދި އައްޑޫ ސިޓީން 11 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

ޗިކުންގުންޔާގެ ޖެހިގެން ރިޕޯޓްކޮށްފައިވާ ގޮތަށް ބަލާއިރު މިދިޔަ އޭޕްރީލް 28 އިން މި ހިނގާ މެއި 4 ވަނަ ދުވަހުގެ ނިޔަލަށް 240 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އަދި ފާއިތުވި ހަފްތާގައި އެކަނިވެސް ޗިކުންގުންޔާ ޖެހިގެން 117 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

ވަކިވަކި މަސްމަހަށް ބަލާިއރު ޗިކުންގުންޔާ ޖެހިގެން އެންމެ ގިނަ ބަޔަކު ރިޕޯޓްކޮށްފައިވަނީ މިދިޔަ އޭޕްރީލްގައެވެ. އެގޮތުން އޭޕްރީލް މަހު 177 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. ޗިކުންގުންޔާ ޖެހިގެން އެންމެ ގިނަ ބަޔަކު ރިޕޯޓްކޮށްފައިވަނީ މާލެ އިންނެވެ. އެގޮތުން މާލެ އިން 193 ކޭސް އަދި ހުޅުމާލެ އިން 40 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.