ހަބަރު

ޑެންގީ ޖެހޭ މިންވަރު ދަށްވި ނަމަވެސް، ޗިކުންގުންޔާ އިތުރުވަނީ

Jun 6, 2019
2

މިދިޔަ އޭޕްރީލް މަހާ އަޅާބަލާއިރު، މެއި މަހު ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ދަށްވި ނަމަވެސް، ޗިކުންގުންޔާ ޖެހޭ މިންވަރު އަދިވެސް ދަނީ ކޮންޓްރޯލް ނުވެ މަތިވަމުންކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިއަހަރުގެ މިހާތަނަށް އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ޑެންގީ ޖެހިގެން ޖުމްލަ 2،411 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. އޭޕްރީލް މަހު 520 ކޭސް ރިޕޯޓްކޮށްފައިވާއިރު، މެއި މަހު އެ އަދަދު ވަނީ 457 އަށް ދަށްވެފަ އެވެ.

ނަމަވެސް، ފާއިތުވި ތިން އަހަރާ އަޅާބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު ގިނަ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެގޮތުން، މެއި އަދި ޖޫން މަހު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ހދ. ރ. އަދި ދ އަތޮޅުންކަމަށް އެ އޮތޯރިޓީގެ ހިސާބުތަކުން ދައްކަ އެވެ.

މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާ ޖެހިގެން ޖުމަލް 1،190 ކޭސް ރިޕޯޓުކޮށްފައިވާއިރު، އެ އަދަދު ވަނީ ކޮންމެ މަހަކު ވެސް މަތިވެފަ އެވެ. އެ ގޮތުން އޭޕްރީލް މަހު 311 ކޭސް ރިޕޯޓްކޮށްފައިވާއިރު، މެއި މަހު އެ އަދަދު ވަނީ 328 އަށް އިތުރުވެފަ އެވެ.

ޗިކުންގުންޔާ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލޭގެ އިތުރުން ރ. އަދި ގއ. އަތޮޅުންނެވެ.