ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިކަން ހިނގީ ވިލިމާލެ ހޮސްޕިޓަލްގައެވެ. ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްވެސް ވަނީ އެ މައްސަލަ އާންމުންގެ ސަމާލު ކަމަށް ގެންނަވާފައެވެ.
އުޝާމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިން އެއް ވިލިމާލެ ހޮސްޕިޓަލްގައި ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. މިއީ ވަރަށް ސީރިއަސް މައްސަލަ އެއް ކަމަށާ މިފަދަ ކަމެއް ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިންއެއް ވިލިމާލެ ހޮސްޕިޓަލްގައި ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން އެބަ ލިބޭ. މިއީ ވަރަށް ސީރިއަސް މައްސަލަ އެއް. މިފަދަ ކަމެއް ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފު ކޮށްދޭން ޖެހޭ،" ހެލްތް މިނިސްޓްރީ އާއި މިނިސްޓަރު ނަސީމް އަދި އައިޖީއެމްއެޗް ޓެގްކޮށް އުޝާމް މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައާ ގުޅިގެން ވިލިމާލޭގެ ބައެއް އާންމުންވެސް ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް މި ތުހުމަތުތަކާއި ގުޅިގެން ވިލިމާލެ ހޮސްޕިޓަލް އަދި ހެލްތް މިނިސްޓްރީގެ ކޮމެންޓެއްވެސް ނުލިބެއެވެ.