ވިލިމާލެ ހޮސްޕިޓަލްގެ ހިންގުން ވަކި ކޮށްފިނަމަ މިހާރަށްވުރެ ހިދުމަތްތައް ފުޅާކުރެވި ރަނގަޅު ވެގެންދާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި ހިންގާ ސަރުކާރު ހޮސްޕިޓަލްތައް ހިންގަނީ "މާލެ ހޮސްޕިޓަލްސް ގްރޫޕް" އިންނެވެ. މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ޒިންމާއަކީ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތައް ބެލެހެއްޓުމެވެ.
ނަމަވެސް ވިލިމާލެއަށް އަޅާލުން ކުޑަކަމާއި އެ އަވަށުގެ ހޮސްޕިޓަލްގެ ހިދުމަތްތަކާމެދު އަވަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮވެއެވެ. ގިނަ ހިދުމަތްތަކެއް ލިބެން ނެތުމާއި ވަރަށް ކުދިކުދި ކަންކަމުގައިވެސް އައިޖީއެމްއެޗަށް އަންނަން ޖެހުން އެ އަވަށުގެ ރައްޔިތުން ފާހަގަ ކުރެއެވެ.
މާލެ ސިޓީއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާ ކެންޑިޑޭޓުންނާއެކު ރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުމުގައި ވިލިމާލެއަށް ކުރިމަތިލާ އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ އެކަންބޮޑުވުންތައް ރައީސް ސޯލިހާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމަށް ހުށައަޅުއްވާފައެވެ.
އެކަމާއި ގުޅިގެން ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލް ހިންގުން "މާލެ ހޮސްޕިޓަލްސް ގްރޫޕް" އިން ވަކިކުރަން ޖެހޭ ކަމަށެވެ. އަދި ވަކި މުއައްސަސާއެއްގެ ގޮތުގައި ބަޖެޓް ކަނޑައަޅައިގެން އެ ހޮސްޕިޓަލް ހިންގައިފިނަމަ ވިލިމާލެ ހޮސްޕިޓަލްގެ ހިންގުން މިހާރަށްވުރެ ރަނގަޅު ކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ހީވާ ގޮތުގައި ވިލިމާލެ ހޮސްޕިޓަލް ވަކި މުއައްސަސާއެއްގެ ގޮތަށް ހިންގަން ޖެހޭ. އައިޖީއެމްއެޗްގެ ދަށުން ހިންގުމަށް ވުރެ ރަނގަޅުވާނީ އެތަނަކަށް ކަނޑައެޅިގެން ވަކި ބަޔަކު އެކަމާ ހަވާލުކޮށްގެން އެކަން ހިންގިއްޔާހެން އަޅުގަނޑަށް ހީވަނީ ބަޖެޓް ވަކި ކުރެވިގެން. އެކަން އެހެން ދާކަމަށްވަންޏާ މިހާރު އެދާ ގޮތަކަށްވުރެ ރަނގަޅުވާނެ ހެން ހީވަނީ،" މިނިސްޓަރު ނަސީމް ވިދާޅުވެއްޖެ އެވެ.
މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ "މާލެ ހޮސްޕިޓަލްސް ގަވަނިން ބޯޑް" ގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލުކޮށް އެ ބޯޑު އަލުން އެކުލަވާލާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ 30 ގައެވެ.
ބޯޑްގައި ހިމެނޭ ބޭފުޅުން
- ޑރ. އަބްދުލްއަޒީޒު ޔޫސުފް (ވ. އަކީލާ)
- އަނީސާ އަހްމަދު (މ. ލޮނުވެލި)
- ޑރ ފަރުޒާނާ ފިރުދައުސް (ގ. ފެއިތު)
- ޑރ އިސްމާއީލް ޝަފީއު (މ. ޕޮޕީ)
- ހާމިދު ސާދިގު (އަލިހިޔާގެ، ޅ. ނައިފަރު)
- އަބްދުލް މާޖިދު (ގ. ކްރީމްގެ)
- އާތިފާ އިބްރާހީމް (މ. ދެބުދާރު)
- އިބްރާހީމް ސަލީމް (މއ. ބަންދުގެ)
- މާރިޔާ ސައީދު (މއ. ކޮށީގެ)
އަބްދުލްއަޒީޒު ޔޫސުފަކީ މި ބޯޑުގެ ޗެއާމަން އެވެ. އަދި ބޯޑުގެ ވައިސް ޗެއާމަންގެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ އަނީސާ އަހްމަދެވެ.