މިނިސްޓްރީ އޮފް ހެލްތު

މާލޭ ސަރައްދުގައި 3 ފްލޫ ކްލިނިކް ހުޅުވައިފި

ވައިރަލް ހުމާއި ރޯގާ އިތުުރުވެ، ފެތުރެމުންދިޔުމުގެ ސަބަބުން ހެލްތް މިނިސްޓްރީން މާލޭ ސަރަހައްދުގެ ތިން ތަނެއްގައި ފްލޫ ކްލިނިިކްތަކެއް ހުޅުވައިފި އެވެ.

ފްލޫ ކްލިނިކް ހުޅުވާފައިވަނީ މާލޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލެ އަދި ވިލިމާލޭގަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ފްލޫ ކްލިނިކްތައް ގާއިމުކުރީ ހައްޖުވެރިން އަނބުރާ ރާއްޖެ އައުމާ ގުޅިގެން އެމީހުންނަށް ހާއްސަކޮށް އަދި މި ދުވަސްވަރު ވައިރަލް ރޯގާ ފެތުރެމުން ދިޔުމުގެ ސަބަބުން އާންމު ސިއްހަތުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ކަމަށެވެ.

މިނިސްޓްރީން ބުނީ މި ފްލޫ ކްލިނިކްތަކަކީ ހުމާއި ކެއްސުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކަށް ހާއްސަ ކްލިނިކް ތަކެއް ކަމަށެވެ. އަދި މިއީ އާންމުންގެ ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ.

"ބަލިވާ މީހުންގެ އަދަދު އިތުރުވާ އެހެން ހިސާބުތަކާއި އަތޮޅުތަކުގައި މި ހިދުމަތް ދިނުމަށް ސިއްހީ ދާއިރާއިން ހުރީ ތައްޔާރަށް،" މިނިސްޓްރީން ބުނެފައިވެ އެވެ.