ވިލިމާލެ

ބާރަ ދުވަހުގެ މެދުކެނޑުމަކަށް ފަހު ވިލިމާލެ ހޮސްޕިޓަލްގައި އަލުން ވެކްސިން ދޭން ފަށަނީ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދާ އެއްގޮތަށް އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން މާދަމާ އިން ފެށިގެން ވިލިމާލެ ހޮސްޕިޓަލްގައި އަލުން ވެކްސިން ދޭން ފަށާނެ ކަމަށް ބުނެފި އެވެ.

ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ދިނުން ވަގުތީ ގޮތުން މެދުކަނޑާލީ އެ ހޮސްޕިޓަލުން ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައެއް ފެންމަތިވެ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިން އެއް ވިލިމާލެ ހޮސްޕިޓަލްގައި ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށް ވިދާޅުވެ އެކަން އާންމުންގެ ސަމާލު ކަމަށް ގެންނެވީ އެ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަހުމަދު އުޝާމް އެވެ.

އެކަމާއި ގުޅިގެން ވިލިމާލެ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗުން ވަނީ މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ވިލިމާލެ ހޮސްޕިޓަލްގައި ތުއްތު ކުދީންގެ ގަޔަށް ޖަހާފައިވާ މައްސަލަ އެ ހޮސްޕިޓަލްގެ ސަމާލު ކަަމަށް އައިސްފައިވާ ކަމަށް ބުނެ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ. އަދި މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލްގައި ވެކްސިން ދިނުން މެދުކަނޑާލާ ކަމަށެވެ.

އައިޖީއެމްއެޗް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ދިން މައްސަލަ ތަހުގީގުކޮށް އެފަދަ ކަމެއް ނުހިގާނެ ކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި އެކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދާ އެއްގޮތަށް އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން މާދަމާ އިން ފެށިގެން ވިލިމާލެ ހޮސްޕިޓަލްގައި އަލުން ވެކްސިން ދޭން ފަށާނެ ކަމަށެވެ.

ވެކްސިންތަކެއް ދިން މައްސަލަ ތަހުގީގުކޮށް އެފަދަ ކަމެއް ނުހިގާނެ ކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް މި ބަޔާނަކު ނެތެވެ. އައިޖީއެމްއެޗުން ކުރީން ވަނީ ވެކްސިން ދިނުމުގައި އުޅުނު މުވައްޒިފުން ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކިހާ މުއްދަތަކަށް ކިހާ އަދަދެއްގެ މުވައްޒިފުންނެއް ކަމެއްވެސް ނުބުނެއެވެ.