ތުޅާދޫ

ތުޅާދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފި

ބ. ތުޅާދޫގައި ސަރުކާރުން އިމާރާތްކުރާ ހޮސްޕިޓަލުގެ ބިންގާ އަޅައިފި އެވެ.

ތުޅާދޫގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި ހޮސްޕިޓަލްގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި، ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސައިން އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހީމް އާދިލް އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ތުޅާދޫގައި އަޅަން ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

ދައުލަތުގެ ބަޖެޓުން 124 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލް ނިންމަން ދީފައިވާ 18 މަސް ދުވަހެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ތުޅާދޫގައި އެއާޕޯޓެއް އެޅުމަށްޓަކައި ބިން ހިއްކުމަށްވެސް ބަޔަކާ ހަވާލުކޮށްފަ އެވެ.

މިސަރުކާރުން ވަނީ ތުޅާދޫ އުތުރު ފަރާތު ހިއްކާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ތޮށިގަނޑެއްލައިދީފަ އެވެ. އަދި ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅައިދީ ޓާފް ފުޓްބޯޅަ ދަނޑެއްވެސް އަޅައިދީފައިވެ އެވެ. މީގެއިތުރުން ފެނަކަ އޮފީސް އިމާރާތް އަޅައިދީ އެތަނަށް ބައެއް ޖަނަރޭޓް ގެންގޮސް އަދި ތުޅާދޫ ސްކޫލުގައި ގެންދަނީ މަލްޓި ޕާޕާސް ހޯލެއް ހަދަމުންނެވެ.